ads
ސަގާފީ ތަކެތި ރައްކާތެރިކުރުމުގެ ބާރު ލިބިދޭ ގޮތަށް އެކުލަވާލާފައިވާ މުއާހަދާގައި ބައިވެރިވާން ވަޒީރުންގެ މަޖިލީހުން ވަނީ ލަފާދީފައި - ފޮޓޯ:ރައީސް އޮފީސް
ސަގާފީ ތަކެތި ރައްކާތެރިކުރަން މުއާހަދާގައި ސޮއިކުރަން ލަފާދީފި
"ޔުނެސްކޯ 1970 ކޮންވެންޝަން އޮން ދަ މީންސް އޮފް ޕްރޮހިބިޓިން އެންޑް ޕްރިވެންޓިން ދަ އިލިސިޓް އިމްޕޯޓް، އެކްސްޕޯޓް އެންޑް ޓްރާންސްފަ އޮފް ކަލްޗަރަލް ޕްރޮޕަޓީ" މުއާހަދާގައި ސޮއިކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ އެކަމާ މެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ރައީސް މިގޮތަށް މި ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކަލްޗަ އެންޑް ހެރިޓޭޖް މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. "ޔުނެސްކޯ 1970 ކޮންވެންޝަން އޮން ދަ މީންސް އޮފް ޕްރޮހިބިޓިން އެންޑް ޕްރިވެންޓިން ދަ އިލިސިޓް އިމްޕޯޓް، އެކްސްޕޯޓު އެންޑް ޓްރާންސްފަ އޮފް ކަލްޗަރަލް ޕްރޮޕަޓީ" މުއާހަދާއަކީ ސަގާފީ އަދި އާސާރީ ތަކެތީގެ އަމިއްލަވަންތަކަން ހިފަހައްޓައި، އެ ތަކެތި ރައްކާތެރިކުރުމުގެ ބާރު ލިބިދޭ ގޮތަށް އެކުލަވާލާފައިވާ މުއާހަދާއެކެވެ.

ރައީސް އޮފީހުން ބުނީ ރާއްޖޭގެ ސަގާފީ އަދި އާސާރީ ތަކެއްޗާއި ލިޔެކިޔުންތައް ދުނިޔޭގެ އެހެނިހެން ގައުމުތަކުގެ ދާރުލްއާސާރުތަކާއި އަރުޝީފުތަކުގައި ހުރި ކަމުގެ މައުލޫމާތުތައް ލިބެމުންދާއިރު މިގޮތަށް ގެންދެވޭ ކޮންމެ އެއްޗަކާ އެކު ދިވެހީންގެ އެތައް ތަރިކައެއް ނެތިގެންދާ ކަމަށެވެ. އަދި ތާރީހް ދިރާސާ ކުރެވޭނެ ގޮތްތައް ގެއްލިގެންދާ ކަމަށް އެ އޮފީހުން ބުނެ އެވެ. ރައީސް އޮފީހުން ބުނެފައި ވަނީ ސަގާފީ ތަކެތީގެ އަމިއްލަވަންތަކަން ހިފަހައްޓައި ރައްކާތެރިކަން ކަށަވަރުކުރުމަކީ މުހިންމުކަމެއް ކަމަށެވެ.

މި މުއާހަދާގައި 143 ގައުމުން ސޮއިކޮށްފައިވާއިރު، ރާއްޖޭން މި މުއާހަދާގައި ސޮއިކުރުން ވެގެންދާނީ ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަށް މަސައްކަތް ކުރުމަށް ފަސޭހަވެގެންދާނެ ކަމެއްގެ ގޮތުގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެ އޮފީހުން ބުނި ގޮތުގައި އޮންނަ އުސޫލާއި ހަމަތަކުގެ މަތިން ގާނޫނާ ހިލާފަށް ގެންގޮސްފައިވާ އާސާރީ ތަކެއްޗާއި ލިޔެކިޔުންތައް އަނބުރާ ރާއްޖެއަށް ގެނެވޭނެ މަގުވެސް ފަހިވެ، އެ ތަކެއްޗާއި ލިޔެކިޔުންތަކުގެ ދަފުތަރު ބެލެހެއްޓުމަށް މި މުއާހަދާގެ ސަބަބުން އިތުރު ބާރެއް ލިބިގެން ދާނެ ކަމުގަ އެވެ. މީގެ އިތުރުންވެސް މި ކަންކަމުގައި ޔުނެސްކޯގެ ފަންނީ އެހީތެރިކަން ލިބުމަށް ބާރަކަށް ވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުން ބުނީ ގާނޫނު ނަންބަރު 2019/12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) އަދި މި ގާނޫނާ ގުޅިގެން އާންމުކޮށްފައިވާ ގަވާއިދުތަކަށް އަމަލުކުރުމަށްވެސް ފަސޭހަވެގެންދާނެ ކަމަކަށް މިކަންވެގެންދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް