ads
ރާއްޖޭގައި ފެހުރިހި ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ކުރާ ކަމެއްގެ ގޮތުގައި ބަދަލުކުރައްވަން ރައީސް ވަނީ ނިންމަވާފައި - ފޮޓޯ:ރައީސް އޮފީސް
ފެހުރިހި ހިމާޔަތްކުރުން ތިމާވެށި ގާނޫނުގެ ދަށަށް ބަދަލުކުރައްވައިފި
ރާއްޖޭގައި ފެހުރިހި ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ކުރާ ކަމެއްގެ ގޮތުގައި ބަދަލުކުރައްވަން، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާ އެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
Advertisement

ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާކުރެއްވުމަށް ފަހުގަ އެވެ.

ރައީސް އޮފީހުން ބުނީ ރާއްޖޭގައި ފެހުރިހި މިހާރު ހިމާޔަތްކޮށްފައި ވަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން ކަމަށެވެ. ފެހުރިހި ހިމާޔަތްކޮށް ރައްކާތެރިކުރުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށަށް ބަދަލުކުރުމަށް ނިންމަވާފައި ވަނީ ފެހުރިއްސަކީ މަސްވެރިކަމާއި ގުޅުންހުރި ދިރުމެއް ނޫންކަމާއި އަދި ރާއްޖެ އާ ދުނިޔޭގެ ފެންވަރުގައިވެސް މަސްވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ މަހެއް ނޫން ކަމަށް ވުމާ އެކު ފެހުރިހި އެންމެ ރަނގަޅަށް ރައްކާތެރިކޮށް ދަމަހައްޓާ މެނޭޖްކުރެވެން އޮތީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ކަމަށްވާތީ ކަން ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާހުގައި ބަޔާންކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ފެހުރިއްސަކީ 2016 ވަނަ އަހަރުގެ ޖުލައި މަހުގައި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންސަވޭޝަން އޮފް ނޭޗަ (އައިޔޫސީއެން) ގެ ރެޑް ލިސްޓް އޮފް ތްރެޓަންޑް ސްޕީޝީސްގައި ނެތި ދިއުމުގެ ބިރުހީވެފައިވާ ދިރުމެއް ކަމަށް ކަނޑައަޅާފައިވާ ދިރުމެކެވެ. ރައީސް އޮފީހުން ބުނެފައިވަނީ ހަމަ އެހެންމެ ފެހުރިއްސަށް ރާއްޖޭގައި ގިނަގުނަ ގެއްލުންތަކެއް ލިބެމުންދާކަންވެސް މި ކަރުދާހުގައި ވަނީ ފާހަގަކުރައްވާފައި ކަމަށެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން މި ދިރުން ހިމާޔަތްކުރުމުން، މި ދިރުމަށް ލިބޭ ގެއްލުންތައް މަދުވެ، މާހައުލީގޮތުން ވެސް ގިނަ ފައިދާތަކެއް ލިބިގެން ދިއުމާއި އަދި ރާއްޖެއަށް ތިމާވެށީގެ ގޮތުންނާއި އިގުތިސޯދީގޮތުން އަދި އިޖުތިމާއީ ގޮތުން ވެސް ގިނަގުނަ ފައިދާތައް ލިބިގެންދާނެ ކަމެއް ކަމަށް ވަޒީރުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކަރުދާހުގައި ފާހަގަކުރައްވާފައިވާ ކަމަށް އެ އޮފީހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް