ads
ލ. ފޮނަދޫ
ބޯކޮށް ވާރޭވެހި ފޮނަދޫ ނަރުދަމާ މައްސަލަޖެހިއްޖެ
ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން ލ. ފޮނަދޫގެ ނަރުދަމާ ނިޒާމުގައި މައްސަލަ ޖެހިއްޖެއެވެ.
Advertisement

މިކަމާއި ގުޅޭގޮތުން ލ. ފޮނަދޫން ސީއެންއެމް އަށް އަށް މައުލޫމާތު ދިން މީހަކު ބުނީ، ފޮނަދޫގެ ނަރުދަމާ ނިޒާމުގައި މައްސަލަ ޖެހިފައިވަނީ ވިއްސާރައިގައި އެރަށަށް ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން ކަމަށެވެ.

އޭނާ ބުނީ ވާރޭގެ ސަބަބުން ފޮނަދޫގެ ނަރުދަމާ ނިޒާމުގައި މައްސަލަ ޖެހުނީ އެރަށުގައި ބޭނުންކުރާ ޕަމްޕުތައް ކުދި ވުމުން، ޕަމްޕުތައް އޮވާލޯޑް ވެގެން ކަމަށެވެ.

ފޮނަދޫގެ ނަރުދަމާ ނިޒާމަކީ 2012 ވަނަ އަހަރު ގާއިމު ކުރެވުނު ނިޒާމެއް ކަމުން، ގިނަ ދުވަސްވެ މިހާރު ޕަމްޕުތަކުގައި މައްސަލަޖެހިފައި ވާކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އަދި އޭރާ ބަލާއިރު މިހާރު ރަށުގެއާބާދީ ބޮޑުވެ ހިދުމަތް ބޭނުންކުރާ މިންވަރުވެސް އިތުރުވެފައިވުމަކީ ޕަމްޕުތަކަށް ލޯޑު ބޮޑުވާން ދިމާވާ ސަބަބެކެވެ.

އެރަށުގައި ބޭނުންކުރާ ޕަމްުޕުތައް ބާވެފައި ވީނަމަވެސް، ވިއްސާރަ ނޫން ދުވަސްވަރުގައި އާންމުމުކޮށް ނަރުދަމާ ނިޒާމަށް މައްސަލަ ދިމާ ނުވެއެވެ. އަދި މިފަހަރު ދިމާވި މައްސަލަ ވެސް، ވާރޭ ހުއްޓުމުން މިހާރު ރަނގަޅުވެފައި ވާކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

މިކަމާ ގުޅިގެން އިތުރަށް މައުލޫމާތު ދެމުން އޭނާ ބުނީ މިފަހަކަށް އައިސް ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން އެކިފަހަރު މަތިން ފޮނަދޫގެ ނަރުދަމާ ނިޒާމަށް މައްސަލަ ދިމާވެފައިވާ ކަމަށެވެ. އެގޮތުން ބައެއް ގޭގެއިން ނަޖިސް ބޭރުނުވުމުގެ މައްސަލަތައް ވެސް ކޮންމެވެސް ވަރަކަށް ދިމާވެފައިވާ ކަމަށް އޭނާ ބުންޏެެވެ.

މި މައްސަލައާއި ގުޅިގެން ފެނަކަ މީޑިއާއިން ބުނީ ނުހުއްޓި ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން ފޮނަދޫ ޕަމްޕު ސްޓޭޝަންތައް އޮވާލޯޑްވެ، ބައެއް ގޭގޭގައި ފާހާނާ ފްލަޝް ނުވުމުގެ މައްސަލަ ދިމާވެފައިވާ ކަމަށެވެ. އަދި މި މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށްވެސް އެފަރާތުން މައުލޫމާތު ދިނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް