ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އިން 2012 ވަނަ އަހަރުން ފެށިގެން ނެރެމުން އަންނަ، ދުނިޔޭގެ އެންމެ އުފާވެރި ގައުމުތަކުގެ ލިސްޓުގެ ކުރިން ފިންލޭންޑް މިއަހަރު ވެސް ޖާގަ ހޯދިއިރު 2018 އަދި 2019 ވަނަ އަހަރު ވެސް އެލިސްޓުގެ ކުރިން ޖާގަ ހޯދި ގައުމަކީ ފިންލޭންޑެވެ.
ޔޫއެނުން އެންމެ ފުރަތަމަ މި ރިޕޯޓް އާންމުކުރިއިރު އެ ލިސްޓުގެ ކުރީގައި އޮތީ ޑެންމާކެވެ. އެގޮތުން 2012 އަދި 2013 ވަނަ އަހަރު ޑެންމާކަކީ ދުނިޔޭގައި އޮތް އެންމެ އުފާވެރި ގައުމުގެ ގޮތުގައި ހޮވުން ނަމަވެސް 2014 ވަނަ އަހަރު އެ ޖާގަ ލިބުނީ ސެންޓްރަލް އެމެރިކާގެ ގައުމެއް ކަމަށްވާ ޕެނަމާ އަށެވެ.
އޭގެ އިތުރުން، 2015 ވަނަ އަހަރު ސްވިޓްޒަލޭންޑަކީ އެންމެ އުފާވެރި ގައުމުގެ ގޮތުގައި ހޮވުން ނަމަވެސް ޖެހިގެން އައި، 2016 ގައި އެލަގަބު ލިބުނީ އަނެއްކާ ވެސް ޑެންމާކަށެވެ. އަދި 2017 ވަނަ އަހަރު ލިބުނީ ނޯވޭ އަށެވެ.
އޭގެ ފަހުން ދުނިޔޭގެ އެންމެ އުފާވެރި ގައުމުގެ ލަގަބު ފިންލޭންޑުގެ އަތުގައި އޮތްއިރު މިއީ ޖެހިޖެހިގެން ތިން ފަހަރަށް މި ލަގަބު ހޯދި ފުރަތަމަ ގައުމެކެވެ. މިއީ އާބާދީގައި 5.5 މިލިއަން މީހުން ދިރިއުޅެމުން އަންނަ ގައުމެކެވެ.
ޔޫއެންއިން އާންމު ކުރި މިއަހަރުގެ ރިޕޯޓްގައި 156 ގައުމެއް ރޭންކުކޮށްފައިވެ އެވެ. އެގޮތުން މި ގައުމުތައް ރޭންކު ކުރުމުގައި ބަލަނީ އެގައުމެއްގައި ދިރިއުޅޭ ބަޔަކު އެތަނަކުން ލިބޭ ހިދުމަތްތަކާއި މެދު ހިތްހަމަޖެހިފައި ހުންނަ މިންވަރަކާއި މެދު އާންމުންނަށް ސުވާލު ކުރުމަށް ފަހެވެ.