ads
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ -- ފޮޓޯ: ރައީސް އޮފީސް
"މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތަށް ނަޝީދުގެ މައްސަލަ އެޖެންޑާ ނުކުރެވޭނެ"
މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތަށް ނަޝީދުގެ މައްސަލަ އެޖެންޑާއެއް ނުކުރެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ކުރީގެ އުއްތަމަފަނޑިޔާރު ވިދާޅުވީ ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ވަރަށް ސާފުކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމަށް ޤަވާޢިދު އިޞްލާޙު ކުރުމަކީ ކޮންމެހެން ލާޒިމުކަމެއް ނޫން. މަޖިލިސް ހުއްޓިފައި އޮންނަ އޮތުމުގެ ޒިންމާ އުފުލަންޖެހޭނީ ހަމައެކަނި ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފަށް، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ހުރަސްއަޅާ އިދާރީ މުވައްޒަފުން އެކަންޏެއް ނޫން،" -ޑރ. އަބްދުޛ ދީދީ-

އޭގެ ޒިންމާ މަޖިލީހު އަމިއްލަ ނިންމުންތައް ނިންމުމުގެ ފުރިހަމަ ބާރު ލިބިގެންވާ މަޖިލިސް މެންބަރުން، އަދި ވަކިން ހާއްޞަކޮށް މެޖޯރިޓީ ކޮންޓްރޯލްކުރާ ޕާޓީގެ މެންބަރުން އުފުލަންވާނެކަަށް ވެސް އަބްދުﷲ ދީދީ ވިދާޅުވިއެވެ. 

ރައްޔިތުންގެ މަޖިލިހުގެ ރައީސް ވަކިކުރަން ހުށަހަޅާ ގަރާރެއްގެ މަސައްކަތް ނުނިންމާ އިތުރު އެހެން މަސައްކަތެއް މަޖިލީހުގައި ނުކުރެވޭނެ ކަމަށް މަޖިލިހުގެ ގަވާއިދުގައި ބުނާ މާއްދާ، އާ ރައީސް ހުވާކުރައްވާ ޖަލްސާއަށް ފެތޭނެ ކަމަށް ސުޕްރީމް ކޯޓުގައި އެމްޑީޕީން ވަނީ ބުނެފައިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް އެމްޑީޕީން ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް މަޖިލިހުގެ ނައިބު ރައީސް ވަޑައިނުގަންނަވާ ހާލަތެއް މެދުވެރިވި ނަމަވެސް ކުރިއަށް ގެންދެވޭނެ ގޮތަށް މާނަ ކުރުމަށް އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިއެވެ.

އެ މައްސަލަ އާ ގުޅިގެން އެ ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެމްޑީޕީގެ ފަރާތުން ވަކީލު އަހުމަދު އަބްދުﷲ އަފީފު ވިދާޅުވީ އާ ރައީސް ހުވާކުރައްވާ ޖަލްސާގެ އެޖެންޑާގައި ފުރަތަމަ ނަންބަރަކަށް އޮންނަން ވާނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރުގެ މަސައްކަތް ކަމަށެވެ. އަފީފް އެގޮތަށް ވިދާޅުވެފައި ވަނީ ޝަރީއަތުގައި ދައުލަތުގެ ފަރާތުން މަޖިލިހުގެ ރައީސް ވަކިކުރުމުގެ މައްސަލަ އާ މެދު ގޮތެއް ނުނިމި އޮތް ނަމަވެސް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވާ ޖަލްސާ ބޭއްވޭނެ ކަމަށް ބުނުމާ ގުޅިގެންނެވެ.

އަފީފް ވިދާޅުވި ގޮތުގައި އާ ރައީސްގެ ހުވާކުރުމުގެ ޖަލްސާ ބޭއްވި ނަމަވެސް އެ ޖަލްސާ ވާނީ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއަކަށް ވުމުން އެ ޖަލްސާގައި ކަންކަން ކުރެވޭނެ ކަމުގަ އެވެ. އެގޮތުން ޖަލްސާގެ އެޖެންޑާގައި ފުރަތަމައަށް އޮންނަން ވާނީ މަޖިލިހުގެ ރައީސް ވަކިކުރަން ހުށަހަޅާފައިވާ ގަރާރާ މެދު ގޮތެއް ނިންމުން ކަމުގައި އޭނާ ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ މަޖިލިހުގެ ރައީސް ވަކިކުރުމުގެ މައްސަލަ އެ ޖަލްސާގެ އެޖެންޑާގެ ފުރަތަމަ ނަންބަރަކަށް ވާން ޖެހެނީ މަޖިލިހުގެ ގަވާއިދުގައި މަޖިލިހުގެ ރައީސް ވަކިކުރަން ހުށަހަޅާފައިވާ މައްސަލައެއް ނިންމާފައި ނޫނީ އިތުރު އެހެން މަސައްކަތެއް ނުކުރެވޭނެ ކަމަށް ބުނެފައިވާތީ ކަމަށެވެ.

މަޖިލިހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ) މި މާއްދާގެ (ނ) ގައިވާ ނޯޓިހުގެ މުއްދަތު ހަމަވެގެން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ ގަރާރެއް މަޖިލީހުގެ ޖަލްސާއަށް ހޫށަހެޅުމަށް ފަހު، އެވަގުތު މަޖިލީހަށް ހުށަހެޅުމަށް ފަހު، އެވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާ މެދު ބަހުސްކުރެވޭނީ، ނުވަތަ ގޮތެއް ނިންމަން ވާނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހުގައިއެވެ.

އަފީފް ހަވާލާދެއްވީ މަޖިލިހުގެ ގަވާއިދުގެ މި މާއްދާއަށް ކަމަށްވާއިރު، އެމްޑީޕީގެ މި ނުކުތާއަށް މަޖިލިހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ އިއްޔެ ވަނީ ރައްދު ދެއްވާފަ އެވެ. ފިލްޒާ މާނަކުރެއްވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް ވަކިކުރުމުގެ ގަރާރު މި މާއްދާއަށް ފެތޭނީ މަޖިލީހުގެ ޖަލްސާއަކަށް އެ ގަރާރު ހުށަހެޅުމަށް ފަހުގައިކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް