
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިނގިރޭސި ބަހުން ރައީސް ނަޝީދު ވިދާޅުވީ އިޒްރޭލުން ގާޒާއަށް ދެމުން އަންނަ ހަމަލާތަކާއި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތުލްއާންމު ހުއްޓާލަން ޖެހޭ ކަމަށެވެ. އިޒްރޭލުގެ އަމަލުތަކާ މެދު މުޅި ދުނިޔެވެސް ދެކޮޅު ކަމަށާއި އެ ގައުމުން މިހާރު ހިންގަމުން އަންނަ ޖަރީމާތައް ހުއްޓާނުލާ ކުރިއަށް ގެންދާ ނަމަ މުޅި ދުނިޔެވެސް އެ ގައުމާ ދެކޮޅު ވެދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ގާޒާއިން 10,700 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމުގަ އެވެ.
ގާޒާގެ ސްކޫލުތަކާއި މިސްކިތްތަކާއި ފައްޅިތަކާއި ރެފިއުޖީ ކޭމްޕްތަކާއި ހޮސްޕިޓަލްތަކަށް އިޒްރޭލުން ދަނީ ބޮން އަޅަމުންނެވެ. އެ ސިޓީގެ ހޮސްޕިޓަލްތަކަށް ބާރުބޮޑުވެފައިވާއިރު، ބަލިމީހުންނަށް ދެމުން އަންނަ ފަރުވާ އެއްކޮށް ހުއްޓިދާނެ ކަމުގެ ބިރު މިހާރު ވަނީ ހީވެފަ އެވެ.
ގާޒާއަށް ދެމުން އަންނަ ހަމަލާތަކުގެ އިތުރުން އިޒްރޭލުން ވަނީ އެ ސިޓީއަށް އެހީ ފޯރުކޮށްދޭން ހުރި ހުރިހާ މަގުތަކެއްވެސް ބަންދުކޮށްފަ އެވެ.