ads
އޮލިފެންޓް ސައިންސް އެވޯޑްސްގައި ޝާޔާ އެވޯޑު ހިފައިގެން - ފޮޓޯ: އޮލިފެންޓް ސައިންސް އެވޯޑްސް
އޮސްޓްރޭލިއާގެ އޮލިފެންޓް ސައިންސް އެވޯޑްސް ގައި ޝާޔާ އަށް ބޮޑު ކާމިޔާބީ އެއް
ދެކުނު އޮސްޓްރޭލިއާގެ އެންމެ ބޮޑު ސައިންސް ކޮމްޕެޓިޝަން އޮލިފެންޓް ސައިންސް އެވޯޑްސް ގައި، އެ ގައުމުގައި ތައުލީމު ހާސިލު ކުރަމުން އަންނަ ދިވެހި ދަރިވަރެއް ކަމަށްވާ ޝާޔާ އިސްމާއީލް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.

ޝާޔާ އަކީ ހ. ރެވިމާގޭ ޕްރޮފެސަރު އިސްމާއީލް ޝަކީލާއި ހ. ސީ ސައިޑް އާމިނަތު އަލީ މާރިޔާގެ ދަރިފުޅެވެ. މާލެއަށް ނިސްބަތްވާ މި ދެމަފިރިން އާއިލާ އާއެކު ދިރިއުޅެމުން އަންނަނީ އޮސްޓްރޭލިއާ ގައެވެ.

އޮސްޓްރޭލިއާގެ އަޑަލޭޑް ބޮޓާނިކް ހައިސްކޫލްގެ ގްރޭޑް އަށެއްގައި ތައުލީމު ހާސިލު ކުރަމުން އަންނަ ޝާޔާގެ ޕްރޮޖެކްޓް، ވެހިކިއުލާ އޮޓޯނޮމަސް މެރިން އޮބްޒަވޭޝަން ސިސްޓަމް (ވާމޯސް) އަށް ވަނީ މި އަހަރުގެ އެވޯޑްސްގައި އޮލިފެންޓް ޓްރޮފީ ލިބިފައެވެ. މުބާރާތުގެ އެންމެ މޮޅު ޕްރޮޖެކްޓަށް ދޭ މި އެވޯޑު ޝާޔާ ހާސިލް ކުރީ ޖުމްލަ 119 ސްކޫލަކުން ހުށަހެޅި 2500 އަށް ވުރެ ގިނަ ޕްރޮޖެކްޓާއި ވާދަކޮށެވެ.

އުމުރުން 13 އަހަރުގެ ޝާޔާގެ ކާމިޔާބު އުފެއްދުން ވާމޯސް އަކީ ފެން ނުވަންނަ ގޮތަށް ފަރުމާ ކޮށްފައިވާ ބެޓެރީ އުޅަނދެކެވެ. މި އުޅަނދުގެ މައިގަނޑު ބޭނުމަކީ ފަރަށް ސެންސަރުތައް ފޯރުކޮށްދީ ފަރުގެ ދިރުންތައް ބަލާ ފާސް ކުރުމެވެ. އަދި މި އުޅަނދަކީ މެރިން ސައިންޓިސްޓުންނަށް ފަސޭހަ ކަމާއެކު ގާތުން ފަރުތައް ބެލެހެއްޓުމަށް އެހީތެރި ވެދެވޭނެފަދަ އުފެއްދުމެކެވެ. މީގެއިތުރުން ޑައިވަރުންނަށް ނުރައްކާވެދާނެ ހިސާބެއްގައި މިޔަރު ނުވަތަ ކިނބޫ ފަދަ އެއްޗެއް އުޅޭތޯވެސް ވާމޯސް ގެ އެހީގައި ދެނެގަނެވޭނެ އެވެ.

އޮލިފެންޓް ޓްރޮފީގެ އިތުރުން ޝާާޔާ ވަނީ ފްލިންޑާސް ޔުނިވާސިޓީ އެންވަޔަމެންޓް ޕްރައިޒް ވެސް ހާސިލު ކޮށްފައެވެ. އަދި މޮޑެލްސް އެންޑް އިންވެންޝަންސް އިން އެއްވަނަ، ޔަންގް ސައިންޓިސްޓް އެވޯޑްސް އިން ހަތަރުވަނަ ހޯދައިފައެވެ.

އިނާމުތައް ހާސިލު ކުރުމަށްފަހު ވާހަކަ ދައްކަމުން ޝާޔާ ވަނީ ވާމޯސް ޕްރޮޖެކްޓުގައި އެ ދަރިވަރަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އެގޮތުން ސްކޫލްގެ އިސްވެރިންނަށާއި މުދައްރިސުންނަށް ޝުކުރު އަދާކޮށްފައި ވެއެވެ. އަދި މި ޕްރޮޖެކްޓަށް އާއިލާގެ ފަރާތުން ލިބުނު އެހީތެރިކަމަށް ހާއްސަ ޝުކުރެއް އަދާ ކުރަމުން ޝާޔާ ބުނީ އާއިލާގެ އެއްބާރުލުމާ ނުލައި މި ކާމިޔާބީ ހާސިލު ނުވީސް ކަމަށެވެ.

ޝާޔާގެ އަމާޒަކީ މުސްތަގްބަލުގައި އާޓިފިޝަލް އިންޓެލިޖެންސް ސައިންޓިސްޓަކަށް ވުމެވެ. އަދި ޔުނިވަރސިޓީގެ ތައުލީމީ މަރުހަލާ ނިންމުމަށް ފަހު ރާއްޖޭގެ ސްކޫލްތަކުގެ ކުދިންނަށް ސައިންސްގެ ދާއިރާއިން މައުލޫމާތު އުނގަންނައިދީ އެހީތެރިވުމުގައި ކުރިޔަށް ދިއުމެވެ. އެގޮތުން ލިބިފައިވާ އިލްމުގެ ބޭނުންހިފައި، ރާއްޖޭގެ ސްކޫލް ތަކުގައި އޭއައި އެޑިއުކޭޝަން ކުރިއެރުވުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ފަދަ ބޭނުންތެރި ކަންތައްތަކެއް ކުރަން ޝާޔާ ޝައުގުވެރި ވެއެވެ.

ހަގު އުމުރެއްގައި ބޮޑު މުބާރާތެއްގައި ވާދަކޮށް ޝާޔާ މިވަނީ އެ ދަރިވަރުގެ ކުޅަދާނަކަން ދައްކާލައިފައެވެ. މިފަދަ މުބާރާތެއްގައި ދިވެހި ދަރިވަރަކު ވާދަކޮށް މި ހޯދި ކާމިޔާބީއަކީ މުޅި ގައުމުވެސް ފަހުރުވެރިވާނެ ކަމެއްކަން ޔަގީނެވެ. އަދި ކުރިޔަށް އޮތް ތަނުގައި މިފަދަ އިތުރު "ވާމޯސް" ތަކަކާއެކު ކުރިޔަށް ގޮސް، ކާމިޔާބު ސައިންޓިސްޓަކަށް ޝާޔާ ވާނޭކަމަށް އުންމީދު ކުރަމެވެ.

93%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް