ޓޫރިޒަމް މިނިސްޓްރީން ގެޒެޓުކޮށް، އަމަލުކުރަން ފެށި މި އިސްލާހުގައި ވަނީ ރީޑިވެލޮޕްމަންޓަށް ނުވަތަ މަރާމާތަށް ތަނެއް ބަންދު ކުރެވޭނީ ގިނަވެގެން ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ. މީގެ ކުރިން ރީޑިވެލޮޕްމަންޓަށް ރިސޯޓެއް ބަންދުކުރެވެނީ 18 މަސްދުވަހުގެ މުއްދަތަކަށެވެ.
އިސްލާހުގައި ބުނެފައި ވަނީ މިހާރު ރީޑިވެލޮޕްމަންޓަށް ބަންދުކޮށްފައިވާ ތަންތަނަށް ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެކަމަށް އެދި އެ މިނިސްޓްރީއަށް ހުށަހަޅައިފިނަމަ އިތުރު އެއް އަހަރު ދުވަހުގެ މުއްދަތެއް އެ ތަނަކަށް ދެވިދާނެ ކަމުގަ އެވެ.
އަލަށް ގެނައި އިސްލާހުގައި ވަނީ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކުރުމަށާއި އެ މުއްދަތުގެ ކުލި ފަސްކޮށްދިނުމަށް އެދި ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅާއިރު އެންމެ މަދު މިންވަރަކަށް ތަނުގައި އިމާރާތްކުރުމުގެ މަސައްކަތް ކުރުމަށް ހުށަހަޅާ ޖުމުލަ މުއްދަތު ބަޔާންކުރަން ޖެހޭ މާއްދާ އުވާލާފަ އެވެ.
މި ގަވާއިދުގެ ދަށުން ރަށެއް ނުވަތަ ބިމެއްގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ ތިން އަހަރު ދުވަހަށްވާއިރު، ފަޅެއްގެ ނަމަ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ ހަތަރު އަހަރު ދުވަހެވެ. އެހެންނަމަވެސް، އަލަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ ރީޑިވެލޮޕްމަންޓް މަސައްކަތް ނިންމުމަށް ނިންމުމަށްދޭ މުއްދަތުގެ ތެރޭގައި އެ މަސައްކަތް ނިމިފައި ނުވާ ނަމަ، މަސައްކަތް ނިންމުމަށް މުއްދަތު އިތުރުކޮށްދިނުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށެވެ.
އިސްލާހުގައި ބުނީ ކޯޓު ހުކުމަކާ ނުވަތަ ކޯޓު އަމުރަކާ ގުޅިގެން ތަނަކާ ގުޅުން ހުރި ހައްގުތައް އެހެން ފަރާތަކަށް ބަދަލުވާ ހާލަތުގައި އެ ތަނެއްގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދޭނެ އެންމެ ދިގު މުއްދަތު ގުނަން ފަށާ ތާރީހަކީ އެ ތަނަކާ ގުޅުންހުރި ހައްގުތައް ބަދަލުކޮށްފައިވާ ތާރީހު ކަމަށެވެ.