ސަރުކާރުން އަންނަނީ ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓެއް އެކުލަވާލުމަށްފަހު، ތާރީހުތަކަށް ބަހާލައިގެން އެތަކެތި މަނާކުރަމުންނެވެ.
އެއް ލީޓަރު އަދި އެއް ލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފެންފުޅިއަކީ މި ލިސްޓުގެ ދަށުން ރާއްޖޭގައި މަނާ ކުރާ އެންމެފަހު ބާވަތުގެ ސިންގަލް ޔޫސް ޕްލާސްޓިކެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފެންފުޅި ރާއްޖެއަށް އެތެރެ ކުރުމާއި އުފެންދުންވެސް މަނާ ވާނެ ކަމަށެވެ. އެ ތަކެތި ބާޒާރަށް ނެރުން މަނާ ވާނީ އަންނަ އަހަރު މާޗް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
މި ބަދަލާ އެކު، ބާޒާރުގައި މިހާރު އާންމުކޮށް ވިއްކަން ހުރި 500 މިލިމީޓަރުގެ ޕްލާސްޓިކް ފެންފުޅި ވިއްކުން މަނާ ވާނެ އެވެ.
ރާއްޖެ އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައަޅާފައި ވަނީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުންނެވެ. އެ ލިސްޓުގައި ބަޔާންކޮށްފައިވާ ތާރީހުތަކުން ފެށިގެން ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން ތިމާވެެއްޓަށް ގެއްލުންދޭ 13 ބާވަތެއްގެ ތަކެތި ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާވާނެ އެވެ.