އެ ކޮމިޝަނުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ހުދު ކަރުދާސް އާންމުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރިމެހެމާން ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމެވެ.
އޭސީސީން ބުނީ މި ކަރުދާހުގެ މައިގަނޑު މަގުސަދަކީ ކުންފުނިތައް އުފެއްދުމުގައި އެ ކުންފުނިތަކުގެ ހަގީގީ ވެރިންގެ މައުލޫމާތު އެއްކުރެވޭ މިންވަރު ދެނެގަނެ، ކުންފުނިތަކުން ހިންގާ އަދި ބައިވެރިވާ ކޮރަޕްޝަނުގެ އަމަލުތަކާ ގުޅުވައިގެން "ޕްރޮސީޑްސް އޮފް ކޮރަޕްޝަން ލޯންޑަ" ކުރުމުގައި ބައިވެރިވާ ހާލަތުގައި، އެފަދަ ކަންކަމަށް ފިޔަވަޅު އެޅުމާ ގުޅޭގޮތުން ރާއްޖޭގެ ގާނޫނީ އޮނިގަނޑު އޮންނަ ގޮތް ދެނެގަތުން ކަމަށެވެ. އަދި ދުނިޔޭގެ ގައުމުތަކުގައި ޢަމަލުކުރާ ބައެއް އުސޫލުތައް ދެނެގަތުމާއި ކުންފުނިތައް އުފެއްދުމާއި ރަޖިސްޓްރީކުރުމުގެ އިތުރުން ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށް ކުރަން ޖެހޭ ކަންކަން ދެނެގަތުމާ އަދި އިސްލާހުކުރަން ލަފަޔާއި އިރުޝާދުދިނުން ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
މި ރަސްމިއްޔާތު ރަޖިސްޓްރާ އޮފް ކޮމްޕެނީސް، މަރިޔަމް ވިސާމް ވަނީ ކުންފުނިތަކުގެ މަސައްކަތްތައް ރެގިއުލޭޓްކުރުމުގައި މިހާރު ދިމާވާ ދަތިތަކާއި އެކަންކަން ހައްލުކުރަން ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. ވިސާމް ވިދާޅުވެފައިވަނީ އޭސީސީން ތައްޔާރުކުރާ ހުދު ކަރުދާސްތަކުގެ ހޯދުންތަކުގެ ބޭނުންކޮށް ކުންފުނިތަކުގެ ކަންކަން ރަނގަޅު ކުރެވިދާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް ވަނީ ކޮމިޝަނުގެ މަސައްކަތްތައް ވޭތުވެދިޔަ އެއް އަހަރާއި ހަތް މަސް ދުވަހުގެ ތެރޭގައި ބައްޓަން ކުރެވުނު ގޮތާއި އެންމެ އިސްކަންދީގެން ކުރިއަށް ގެންދާ މަސައްކަތްތަކާ ގުޅޭގޮތުން އަލިއަޅުއްވާލައްވާފަ އެވެ.
އޭސީސީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މި ކަރުދާހުގައި އެ ކޮމިޝަނުގެ ދިރާސާއިން ފާހަގަކުރެވުނު މައްސަލަތައް ހައްލުކުރުމަށް އިދާރީ ގޮތުންނާއި ގާނޫނީ ގޮތުން ގެންނަން ފެންނަ 18 ލަފާ ވަނީ ހުށަހަޅާފަ އެވެ.