ads
ރައީސް ސޯލިހު އެމްޑީޕީގެ ގައުމީ މަޖިލީހުގަ: ފޮޓޯ އެމްޑީޕީ
ސްޕްރީމް ކޯޓުގެ ހުކުމުން މަރުތަޅު ނެއްޓިއްޖެ: އެމްޑީޕީ
ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމުން ދައުލަތުގެ އެއް ބާރުގައި އެޅިފައޮތް މަރުތަޅު ނެއްޓިފައިވާކަމަށް އެމްޑީޕީން ބުނެފިއެވެ.

އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމަކީ ޤާނޫނު އަސާސީގެ ސިޔާދަތު ކަށަވަރުކޮށް ރާއްޖޭގައި އޮތް ޤާނޫނީ ވެރިކަން ނަގަހައްޓައިދިން ޙުކުމެއްކަމަށެވެ. 

"ސުޕްރީމް ކޯޓުންކުރި ޙުކުމަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލައިގެ ޤަރާރުގެ މަސައްކަތް ހުއްޓުވުމުގެ ނިޔަތުގައި މަދު ބަޔަކު ދައުލަތުގެ އެއްބާރުގައި "މަރުތަޅު" އަޅުވާފައި އޮތް އޮތުން ނިމުމަކަށް ގެނެސްދިން ޙުކުމެއް،" -އެމްޑީޕީ-



ސުޕްރީމް ކޯޓުގެ ހުކުމަކީ އެމްޑީޕީން ކުރި މަސައްކަތަށް ލިބުނު ފުރިހަމަ ކާމިޔާބީއެއްކަމުގައިވެސް ބަޔާނުގައިވަނީ ބުނެފައެވެ.

"ސުޕްރީމް ކޯޓުގެ ޙުކުމަކީ ރާއްޖޭގައި ޢަމަލުކުރާ ޤާނޫނު އަސާސީގެ ސިޔާދަތު ކަށަވަރުކޮށްދެއްވާ ރާއްޖޭގައި އޮތް ޤާނޫނީ ވެރިކަން ނަގަހައްޓައިދިން ޙުކުމެއް،"

ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ހަވީރު އިއްވި ހުކުމުގައި ބުނެފައި ވަނީ މަޖިލިހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް ކުރިއަށްދާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލިހުގެ ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން މަޖިލިހުގެ ގަވާއިދު މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ. 

މަޖިލިސް ހުއްޓުމަކަށް އަތުވެދާނެ ގޮތަކަށް އެ ގަވާއިދު މާނަ ނުކުރެވޭނެ ކަމަށާއި މަޖިލިހުގެ ރިޔާސަތު ހުސްނުވާނެ ގޮތަށް އެ ގަވާއިދުން ޖާގަ ދީފައިވާއިރު، ހުށަހެޅިފައިވާ ގަރާރާ ގުޅިގެން ގަވާއިދު މާނަކުރަން ޖެހޭނީ ކަމާ ގުޅުންހުރި އެހެން މާއްދާތަކަށް ފުރިހަމައަށް ރިއާޔަތްކޮށްގެން ކަމަށް ވެސް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ބެލި މި މައްސަލައިގައި މިއަދު ހުކުމްކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގެ ނިންމުމާއެކު ރައްޔިތުންގެ މަޖިލީހުން ވަނީ ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފައެވެ.

އެމްޑީޕީ އިން ވަނީ އިންތިހާބީ ރައީސް ހުވާކުރުމުގެ ރަސްމިއްޔާތުގެ ރިޔާސަތުގައި ނަޝީދު އިންނަވާނަމަ، ހުވާކުރުމާއި ކެބިނެޓް ފާސްކުރުމަށް އެއްބާރުލުން ނުދޭނެކަމަށް ބުނަމުންނެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް