ގްރައުންޑް ހޭންޑްލިންގެ މަސައްކަތްތަކަށް އެމްއޭސީއެލުން ގެނައި އާ ވެހިކަލްތަކާއި އިކުއިޕްމަންޓުތައް ބޭނުންކުރަން ފެށުން ފާހަގަކުރަން ވީއައިއޭގައި ވަނީ ހާއްސަ ހަފުލާއެއް ބާއްވާފަ އެވެ. އެ ހަފުލާގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބް ޝުޖާއު އާއި އެ ކުންފުނީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އެމްއޭސީއެލުން ބުނީ ގްރައުންޑް ހޭންޑްލިންގެ މަސައްކަތްތަކަށް ގެނައި ވެހިކަލްތަކާއި އިކުއިޕްމަންޓުތަކުގެ ތެރޭގައި ހަތަރު ފަސިންޖަ ބަހާއި ހަތަރު އެއާކްރާފް ސިޑި ބަރި އާއި ދެ ޔުނިވަސަލް ލޯޑަރާއި ދެ ހައި-ލޯޑަރާއި 10 ބެގޭޖު ޓްރެކްޓަރާއި 14 ގޮނޑީގެ އެއް މިނީ ވޭނާ އަދި 32 ގޮނޑީގެ ބަހެއް ހިމެނޭ ކަމަށެވެ. އޭގެ އިތުރުން އެއް އެއާކޮންޑިޝަނިން ޔުނިޓާއި 30 ކޯނު އެންޑް ޗޮކްސް ޓްރޮލީސް އާއި އެއް ކޮންޓެއިނާ އެންޑް ޕެލެޓް ޓްރާންސްޕޯޓާ އާއި ހަތަރު ކޮންވޭޔާ ބެލްޓާއި ތިން ގްރައުންޑް ޕަވަ ޔުނިޓާއި 40 ކޮންޓެއިނަ އެންޑް ޕެލެޓް ޑޮލީސް އާއި އެއް ޓޮއިލެޓް ޓްރަކް އަދި އެއް ޓްވިން ކެބް ގެނެސްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
އެމްއޭސީއެލުން ބުނެފައި ވަނީ ގްރައުންޑް ހޭންޑްލިންގެ މަސައްކަތަށް އިތުރު ވެހިކަލްތަކާއި އިކުއިޕްމަންޓުތައް ގެނައީ ވީއައިއޭއިން އެއާލައިންތަކަށް ދެމުން އަންނަ ހިދުމަތްތައް އަވަސްކޮށް، ހަރުދަނާކުރުމަށް ކަމަށެވެ. ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އިތުރު އިކުއިޕްމަންޓުތައް ގެންނަން ހަމަޖެހިފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.