ads
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2023 މެދުވެރިކޮށް ކުޑަކުދިންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ 12 އެންޖީއޯއަކަށް ޖުމްލަ 635،000 ރުފިޔާ ވަނީ ހަދިޔާކޮށްފައި - ފޮޓޯ:ދިރާގު
ރޯޑް ރޭހުން 6 ލައްކައަށް ވުރެ ގިނަ ރުފިޔާ ކުޑަކުދިންނަށް ހާއްސަ ޖަމިއްޔާތަކަށް
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2023 މެދުވެރިކޮށް ކުޑަކުދިންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ 12 އެންޖީއޯއަކަށް ޖުމްލަ 635،000 ރުފިޔާ ހަދިޔާކޮށްފި އެވެ.
Advertisement

ދިރާގުން ބުނީ އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ މޯލްޑިވްސް ރޯޑް ރޭސްވެސް ހާއްސަ ކުރެވިފައި ވަނީ ކުޑަކުދިންގެ ރައްކާތެރި ކަމަށް ކަމަށެވެ. އެގޮތުން މި ދުވުމުގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ފޯރުކޮށްދީފައިވާ ކަމަށް ދިރާގުން ބުނެ އެވެ. އެގޮތުން ދިރާގުން ވަނީ އެއްބައިވަންތަ މާހައުލެއް ބިނާކުރުމަށާއި ކުޑަކުދިންގެ ރައްކާތެރި ކަމަށާއި އަނިޔާއިން ކުޑަކުދިން ހިމާޔަތްކުރުމުގެ އިތުރުން ކުދިންގެ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރާ 12 އެންޖީއޯއަކާ އެކު ޕާޓްނަވެފަ އެވެ.

ދިރާގުން ބުނެފައި ވަނީ ކޮންމެ ދުވުންތެރިއެއްވެސް ރޭހަށް ރަޖިސްޓްރީ ކުރިއިރު، އިހުތިޔާރު ކުރާ އެންޖީއޯއެއް ނޮމިނޭޓް ކުރުމުގެ ފުރުސަތު ހުޅުވާލެވުނު ކަމަށެވެ. އެގޮތުން ބައިވެރިންގެ ފަރާތުން އެންމެ ގިނައިން ނޮމިނޭޓް ކުރެވުނު ފަސް އެންޖީއޯއަކަށް ބެހިގެންދާ ގޮތަށް އެ ކުންފުނިން ޖުމުލަ 200،000 ރުފިޔާގެ ހާއްސަ ޑޮނޭޝަންއެއް ހަދިޔާ ކުރެވުނު ކަމަށް ދިރާގުން ބުނެ އެވެ. އެ ކުންފުނިން ބުނި ގޮތުގައި ކޮންމެ ރަޖިސްޓްރޭޝަން ކިޓަކުން 100 ރުފިޔާ އާއި ރީތި ބިބް ނަންބަރު ވިއްކައިގެން ލިބުނު ފައިސާއިން ޖުމްލަ 435،000 ރުފިޔާ ވަނީ ރޯޑް ރޭހުގެ ހުރިހާ ޕާޓްނަ އެންޖީއޯތަކަށް ބެހިގެންދާ ގޮތަށް ހަދިޔާކޮށްފައި ކަމުގަ އެވެ. އެގޮތުން މި އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑްރޭސް މެދުވެރިކޮށް ޖުމުލަ 635،000 ރުފިޔާ ވަނީ އެންޖީއޯތަކަށް ހަދިޔާކޮށްފަ އެވެ. 

ދިރާގުން ބުނީ އެ ކުންފުނީގެ އުންމީދަކީ މި އެހީގެ ސަބަބުން އެ ޖަމިއްޔާތަކުގެ ޕްރޮގްރާމްތައް ފެށުމަށް މަގުފަހިވެގެން ދިއުން ކަމަށެވެ. އަދި ހާއްސަކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިން ހިމާޔަތްކުރުމަށް ކުރާ މުހިންމު މަސައްކަތްތަކުގެ ތެރެއިން އެ ޖަމިއްޔާތަކުގެ ޕްލޭންތައް ފެށުމަށް ހިތްވަރު ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ދިރާގުން ބުނެ އެވެ.

ބައިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބުނު ފަސް އެންޖީއޯއަކީ:

  • ކެންސަ ސޮސައިޓީ އޮފް މޯލްޑިވްސް 
  • އާކް - އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން
  • މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން 
  • ޓައިނީ ހާޓްސް އޮފް މޯލްޑިވްސް
  • މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީ

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ އެންޑޯސްކޮށްފައިވާ އިތުރު އެންޖީއޯތަކަކީ: 

  • ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ
  • ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް
  • ބްލައިންޑް އެންޑް ވިޝުއަލް އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް)
  • ކެއާ ސޮސައިޓީ
  • މޮމްސް އެއިޑް
  • ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ)
  • މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕަސަންސް ވިތް ޑިސްއެބިލިޓީސް (އެމްއޭޕީޑީ)

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ. އަދި މިއީ ވޯލްޑް އެތުލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާ އެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ.

ދިރާގުން ވަނީ އަންނަ އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު ބާއްވާނެ ކަމަށް ވެސް އިއުލާނުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް