
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ މައްސަލަ، ނިޒާމީ ނުކުތާގެ އޮއިވަރެއްގައި ހޫނުވާން ފެށުމަށް ފަހު، ކުއްލިއަކަށް އަފީފް ޖަލްސާ ނިންމަވައިލެއްވީ އިތުބާރު ނެތްކަމުގެ ގަރާރު ހުށަހަޅުއްވާފައި އޮތީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވެއެވެ. މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އަފީފް އިންނެވީ، މިއަދުގެ ޖަލްސާ، ހެނދުނު 9 ޖެހިއިރު، ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ކަނޑައަޅުއްވާފައިވާ ނާއިބު ރައީސް އީވާ އަބްދުﷲ މަޖިލީހަށް ސަލާމް ފޮނުއްވާފައިވުމުންނެވެ. ހަސަން އަފީފު ރިޔާސަތާ ހަވާލުވެ، މަޖިލިސް ފެށުމާއެކު، މަޖިލީހުގެ ރައީސް ނިސްބަތްވާ ދަ ޑިމިކޮކްރެޓްސްގެ ފަރާތުން އެ ޕާޓީގެ ލީޑަރު އަލީ އާޒިމް ނެންގެވީ ނިޒާމީ މައްސަލައެކެކެވެ. އާޒިމްގެ ނިޒާމީ މައްސަލައަކަށްވީ މަޖިލީހަށް ހުށަހަޅާފައިވަނީ ގަރާރެއްތޯ ނުވަތަ ބިލެއްތޯ ނުވަތަ ކުއްލި މައްސަލައެއްތޯ ސާފު ކުރުމެވެ. އެ މައްސަލައަށް ރިޔާސަތުން އަފީފް ޖަވާބު ދެއްވުމާއެކު، އަނެއްކާވެސް އާޒިމް ނިޒާމީ މައްސަލައެއް ނެންގެވިއެވެ.
އޭގެ ފަހުން، ޑިމޮކްރްޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ އިބްރާހީމް ރަޝީދުވެސް ނިޒާމީ މައްސަލައެއް ނެންގެވިއެވެ. އޭގެ ފަހުން، އެމްޑީޕީގެ ފަރާތުން މަވޯޓާ ޝަރީފް ނިޒާމީ މައްސަލައެއް ހުށަހެޅި ފަހުން، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުވެސް ނިޒާމީ މައްސަލައެއް ހުށަހެޅުއްވިއެވެ.
ދެން މަޖިލީސް ދިޔައީ މުޅިންވެސް ނިޒާމީ މައްސަލަތަކުގެ ތެރޭގައެވެ. އެހެން ދިޔުމަށް ފަހު ޖަލްސާ ނިންމާލީ ހަމަ ކުއްލިއަކަށެވެ.