
މަޖިލީހުގެ މަސައްކަތް ހުއްޓުވާލުމަކީ ޑިމޮކްރަސީގެ ޗެމްޕިއަނުން ކަމަށް ވަކާލާތުކުރާ ބަޔަކު ކުރާ ޒާތުގެ ކަމެއްނޫން ކަމަށް ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހްތާޒް މުހްސިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުއްލި ގޮތަކަށް ހުއްޓާލި ހުއްޓާލެއްވުމަށް އިޝާރާތް ކުރައްވާ ސޯޝަލް މީޑިއާގައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ހުއްޓާލީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވެ، ރައިސް ނަޝީދު ނިސްބަތްވެ ވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްއިންނެވެ. އެކަމަށް އިޝާރާތް ކުރައްވައި މުހްތާޒު ވިދާޅުވީ އެއީ ޑިމޮކްރެސީގެ ޗެމްޕިއަނުން ކުރާ ޒާތު ކަމެއް ނޫން ކަމަށެވެ.
މިއަދުގެ ޖަލްސާއަށް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވެ، އެ ގަރާރު ބޭރުކޮށް މަޖިލީހުގެ މިއަދުގެ ޖަލްސާ، ނިންމަވައިލެއްވީ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ރިޔާސަތުގައި އިންނަވައިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ މައްސަލަ، ނިޒާމީ ނުކުތާގެ އޮއިވަރެއްގައި ހޫނުވާން ފެށުމަށް ފަހު، ކުއްލިއަކަށް އަފީފް ޖަލްސާ ނިންމަވައިލެއްވީ އިތުބާރު ނެތްކަމުގެ ގަރާރު ހުށަހަޅުއްވާފައި އޮތީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވެއެވެ.
މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އަފީފް އިންނެވީ، މިއަދުގެ ޖަލްސާ، ހެނދުނު 9 ޖެހިއިރު، ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ކަނޑައަޅުއްވާފައިވާ ނާއިބު ރައީސް އީވާ އަބްދުﷲ މަޖިލީހަށް ސަލާމް ފޮނުއްވާފައިވުމުންނެވެ. ހަސަން އަފީފު ރިޔާސަތާ ހަވާލުވެ، މަޖިލިސް ފެށުމާއެކު، މަޖިލީހުގެ ރައީސް ނިސްބަތްވާ ދަ ޑިމިކޮކްރެޓްސްގެ ފަރާތުން އެ ޕާޓީގެ ލީޑަރު އަލީ އާޒިމް ނެންގެވީ ނިޒާމީ މައްސަލައެކެކެވެ. އާޒިމްގެ ނިޒާމީ މައްސަލައަކަށްވީ މަޖިލީހަށް ހުށަހަޅާފައިވަނީ ގަރާރެއްތޯ ނުވަތަ ބިލެއްތޯ ނުވަތަ ކުއްލި މައްސަލައެއްތޯ ސާފު ކުރުމެވެ. އެ މައްސަލައަށް ރިޔާސަތުން އަފީފް ޖަވާބު ދެއްވުމާއެކު، އަނެއްކާވެސް އާޒިމް ނިޒާމީ މައްސަލައެއް ނެންގެވިއެވެ.