ads
މާނިއު
ޖޭއެސްސީން ވަކިވެ ހައިކޯޓަށް މާނިއު ކުރިމަތިލައިފި
ޖޭއެސްސީގެ މެމްބަރުކަމުން މިއަދު އިސްތިއުފާ ދެއްވި، ޢަބްދުލްމާނިޢު ޙުސައިން ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލައިފިއެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް ޖޭއެސްސީން ހުޅުވާލާފައިވާ މުއްދަތު މިއަދު 11 ޖެހިއިރު ހަމަވެފައިވާއިރު، މި މަގާމަށް މާނިއު ކުރިމަތިލެއްވިކަންވަނީ ކަށަވަރު ކުރެވިފައެވެ. ދެން މި މަގާމަށް ކުރިމަތިލީ ކޮން ބައެއް ކަމެއް އަދި ނޭނގެއެވެ. ޖޭއެސްސީން އެ މައުލޫމާތު އަދި ހާމަ ނުކުރެއެވެ. 

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް މާނިއު މި ކުރިމަތިލީ އެ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން އަހްމަދު ޝަކީލް ރިޓަޔަކުރެއްވުމުން، ހުސްވި މަގާމަށެވެ. ޝަކީލް ރިޓަޔަކުރެއްވީ ސިއްހީ ހާލަތާ ހުރެއެވެ. ޝަކީލަކީ ރައީސް ޔާމީނަށް ހުކުމް ކުރި ފަހުން ޕްރޮމޯޝަން ލިބި ހައިކޯޓަށް ބަދަލުވި ފަނޑިޔާރެކެވެ. 

ޖޭއެސްސީގެ މެމްބަރުކަމުން ޢަބްދުލްމާނިޢު ޙުސައިން އިސްތިއުފާ ދެއްވީ މިއަދުއެވެ. ޢަބްދުލްމާނިޢު ޙުސައިން އަކީ ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެ ތެރެއިން އެބައިމީހުން އިންތިޚާބުކުރި ޤާނޫނީ ވަކީލުގެ ގޮތުގައި ޖޭއެސްސީގައި އިންނެވި މެންބަރެވެ. 

މާނިއު އިސްތިއުފާ ދެއްވިކަން މިއަދު އިއުލާން ކުރެއްވިއިރު، ކީއްވެކަން ހާމައެއް ނުކުރައްވައެވެ. އެހެންނަމަވެސް ހުސްވެފައިވާ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް މާނިއު އައްޔަން ކުރަން އުޅޭކަމަށްވަނީ އަޑު އިވިފައެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް، ޢަބްދުލްމާނިޢު ޙުސައިން އައްޔަން ކުރައްވާފައިވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުއެވެ. ރައީސުލްޖުމްހޫރިއްޔާ، އަލްއުސްތާޛު ޢަބްދުލްމާނިޢު ޙުސައިން އެމަޤާމަށް  ހަމަޖެއްސެވީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (އ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ 10 ވަނަ ނަންބަރާއި ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ 69 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް