ރައީސް ނަޝީދުގެ އިތުބާރުނެތް ކަމުގެ ގަރާރު ހުށަހަޅަން މިއަދު ބޭއްވި މަޖިލިހުގެ ޖަލްސާގައި އެ ގަރާރަކީ ގަވައިދާ ހިލާފު ގަރާރެއް ކަމަށް ބުނެ ބޭރުކޮށްލައްވާފައި ވަނީ އެވަގުތު ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. އަފީފް އެގޮތަށް ނިންމަވައި މަޖިލިސް ނިންމަވާލެއްވީ އެކަމާ ދެކޮޅަށް އަމީންއާންމު ލަފާ ދެއްވަމުންދަނިކޮށެވެ.
އެފަހުން މަޖިލީހުން މިއަދު އިތުރު ޖަލްސާއެއް އެޖެންޑާ ކުރުމުން ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އިއުލާން ކުރައްވާފައި ވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހެޅި ގަރާރު ބޭރުވެފައިވާ ކަމަށާއި އިތުރަށް ދެން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
އެކަމާ ގުޅިގެން މަޖިލިސް ހުއްޓިފައިވާ ކަމަށް ވިދާޅުވެ، މިއަދު އޮތް މަޖިލިހުގެ އާންމު ކޮމިޓީއަށް އަލިފުށީ ދާއިރާ މެންބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވީ ދެން ކުރިއަށް ދާނެ ގޮތުގެ ގާނޫނީ ލަފައެއް ހޯދުމަށް ބަންޑާރަ ނައިބަށް ދެންނެވުމަށެވެ.
އާންމު ކޮމިޓީއަށް ލިބިފައިވާ މެންޑޭޓްގެ ތެރެއިން ބަންޑާރަ ނައިބުގެ ލަފައެއް ހޯދަން ޖެހޭ ކަމަށް މުހައްމަދު ރަޝީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވެފައި ވަނީ ބަންޑާރަ ނައިބުގެ ލަފައެއް ހޯދަން ޖެހެނީ ރައީސް ނަޝީދުގެ މައްސަލަ ދެން ކުރިއަށް ގެންދާނެ ގޮތަކާ މެދު އަމީންއާންމަށް އެހީތެރިކަން ފޯރުކޮށްދޭން ކަމަށެވެ. އާންމު ކޮމިޓީއަށް ހުށަހެޅި އެ ހުށަހެޅުން ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހަތް މެންބަރުންގެ ވޯޓުން ވަނީ ފާސްކޮށްފަ އެވެ.
އެ ކޮމިޓީއަށް ވަނީ ރައީސް ނަޝީދުގެ އިތުބާރުނެތް ކަމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ކުރިއަށް ގެންދާއިރު، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްގެ މެންބަރުން ކަމަށްވާ އީވާ އާއި އަފީފަށް ރިޔާސަތު ނުބެލެހެއްޓޭ ގޮތަށް ހަދައިދިނުމަށް އެދިފަ އެވެ. އެހެންނަމަވެސް، އެ މައްސަލަ އާ ބެހޭ އިތުރު ތަފްސީލު ބޭނުންވާތީ އެކަމުގައި ގޮތެއް ނިންމާފައެއް ނުވެ އެވެ.
އިމްތިޔާޒާއި ސުލޫކު ކޮމިޓީން ވަނީ އީވާ އާއި އަފީފުގެ އިމްތިޔާޒުގެ މައްސަލައެއް ބަލައި، މުޅި މަޖިލިހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ފާސްކޮށްފަ އެވެ.