މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެޑިޔުކޭޝަން މިނިސްޓްރީން ޝުޖާއު ވަކިކުރައްވާފައި ވަނީ އެ ސްކޫލުގެ ބެލެނިވެރިން ކުރިއަށް ގެންދިޔަ "ސޭވް އަރަބިއްޔާ" ކެމްޕެއިން ހުއްޓުވުމަށް އޭނާ މަސައްކަތް ނުކުރައްވައި، އެކަމުގައި އެފަރާތްތަކާ އެކު އޭނާ ހުންނެވުމުން ކަމަށް ވެ އެވެ.
އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް ކަމުން ވަކިކުރައްވާ، އޭނާ ބަދަލުކުރައްވާފައި ވަނީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށެވެ.
އެ މައްސަލަ އާ ގުޅިގެން ވަޒީފާ އާ ބެހޭ ޓްރައިބިއުނަލުން ނިންމާފައި ވަނީ އޭނާ އެހެން މަގާމަށް ބަދަލުކުރައްވާފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ. އަދި 30 ދުވަހުގެ ތެރޭގައި އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލުގެ މަގާމު އޭނާއަށް އަލުން ދޭން ޖެހޭނެ ކަމަށެވެ.
އެ ނިންމުމާ އެކު، ޝުޖާއުއަށް އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ސޮއިކުރައްވައި މިއަދު ފޮނުއްވި ސިޓީގައި ވަނީ އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލުގެ މަގާމަށް އޭނާ ބަދަލުކުރަން ނިންމަވާފައިވާ ކަމަށެވެ. އެ މަގާމުގެ މަސްއޫލިއްޔަތާ މާދަމައިން ފެށިގެން ހަވާލުވުމަށް ޝުޖާއުއަށް އެ ސިޓީގައި ވަނީ އަންގަވާފަ އެވެ.
އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް ޝުޖާއު ހަމަޖައްސަވާފައި ވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އަށްވަނަ ދުވަހު އެވެ. އޭނާ އެ މަގާމުން ވަކިކުރެއްވުމާ ގުޅިގެން އެ މަގާމު ވަގުތީ ގޮތުން އަދާކުރައްވަމުން ގެންދެވީ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދެވެ.