ads
އޭޖީ އިބްރާހީމް ރިފްއަތު
އޭޖީގެ ލަފަޔަކީ، އީވާ އަދި އަފީފް ނޫން ގޮތެއް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރު، މަޖިލީހުގެ ތަޅުމުން ބޭރުކުރީ، މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށާއި، އެ މައްސަލަ ދެން އެޖެންޑާކުރާ ޖަލްސާއެއްގެ ރިޔާސަތު، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފަށް ނުބެލެހެއްޓޭނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދުގެ އިތުބާރުގެ މައްސަލައިގައި މަޖިލީހުގެ މަސައްކަތްވަނީ ހުއްޓިފައެވެ. އެތައް ފަހަރެއްގެ މަތިން މައްސަލަ އެޖެންޑާ ކުރުމުންވެސް އެކިއެކި ބަހަނާ ދައްކައިގެން ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްއިން އަންނަނީ އެކަމަށް ހުރަސް އަޅަމުންނެވެ. އެންމެފަހުން ސުޕްރީމް ކޯޓުގެ ހުކުމަކާއެކުވެސް އެ މައްސަލަ ކުރިއަށްދާ ގޮތެއް ނުވިއެވެ.

ނަޝީދުގެ ވަކިކުރަން އެމްޑީޕީގެ މެމްބަރުން ހުށަހަޅާފައިވާ ގަރާރަކީ މަޖިލީހުގެ ގަވާއިދުގައި 167 ވަނަ މާއްދާގައި ބުނާ ޝަރުތައް ހަމަވާ ގަރާރެއް ނޫން ކަމަށް ބުނެ، އެ މައްސަލަ އެންމެ ފަހުން އިއްޔެ ބޭރުކޮށްލީ މަޖިލީހުގެ އަމީން އާއްމުގެ ނިންމުމާވެސް ދެކޮޅަށެވެ. އިއްޔެ ޖަލްސާގައި ނަޝީދު ނިސްބަތްވާ ޑިމޮކްރެޓުން އެދިވަޑައިގެންނެވި ގޮތަށް މަޖިލީހުގެ އާންމު އުސޫލާ ހިލާފަށް ވޯޓަކަށް ނުގޮސް، އެ މައްސަލަ ރިޔާސަތުން ބޭރުކޮށްލި އަފީފް ރިޔާސަތުގައި އިންނަވައިގެންނެވެ.

އެކަންތަކާ ގުޅިގެން މަޖިލީހުން ބަންޑާރަ ނާއިބުގެ ލަފައެއް ހޯދުމަށް އިއްޔެވަނީ ފާސްކޮށްފައެވެ. އަދި އެކަން ބަންޑާރަ ނާއިބަށް ހުށަހަޅުއްވާފައިވަނިކޮށް، ބަންޑާރަ ނާއިބު ރޭ ސޯޝަލް މީޑިއާގައި އެ މަނިކުފާނު އެކަމުގައި ދެކެވަޑައިގަންނަވާ ގޮތްވަނީ ވިދާޅުވެފައެވެ.

ރިފްއަތު ވިދާޅުވީ ނަޝީދު ވަކިކުރުމުގެ ގަރާރަކީ މަޖިލީހަށް ހުށަހަޅާ އާންމު ގަރާރެއް ނޫން ކަމަށެވެ. އަދި އެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާއެއްގެ ރިޔާސަތުގައި މަސްލަހަތު ފުށުއަރާ ބޭފުޅަކަށް ނުހުންނެވޭނެ ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވާ ކަމަށް ރިފްއަތު ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރު ހުށަހެޅުމަށް އެޖެންޑާ ކުރެވޭ ޖަލްސާއެއްގެ ރިޔާސަތު ރައީސްގެ ނުފޫޒު އޮތް މެމްބަރަކު ބެލެހެއްޓުމަކީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބުނާ މަސްލަޙަތު ފުށުއެރުމުގެ އުސޫލާ ދިމާ އިދިކޮޅު މާނަކުރުމެއް. ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލައެއް ބެލުމުގައި، ރިޔާސަތު ބެލެއްޓުމަށް ދެކޮޅު ހަދައި ނުވަތަ އުޒުރުވެރިވާ މެމްބަރުންނާއި އަދި މަސްލަހަތު ފުށުއަރާ އެއްވެސް ފަރާތެއް ރިޔާސަތުގައި ނުބޭންދުމުގެ މުހިއްމުކަމަށް އިސްކަންދޭންޖެހޭ،"

ނަޝީދު ވަކިކުރުމުގެ މައްސަލަ މިއަދުގެ ދެވަނަ ޖަލްސާއަށްވަނީ އެޖެންޑާކޮށްފައެވެ. އެ ޖަލްސާ ކުރިއަށް ގެންދަން ނިންމާފައި އޮތީ 11 ޖަހާއިރުއެވެ. މިއަދު 9 ޖަހާއިރަށް އެޖެންޑާކޮށްފައިވާ ޖަލްސާއަކީ ބަޖެޓް ހުށަހެޅުމަށް ބާއްވާ ޖަލްސާއެވެ. އެކަމަކު އާލާސްކަންފުޅާ އުޅުއްވާތީ ބަޖެޓް ޖަލްސާއަށް ވަޑައިނުގެންނެވޭ ކަމަށް ފިނޭންސް މިނިސްޓަރުވަނީ ވިދާޅުވެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް