ads
މަޖިލީހުން ކުރިއަށް ގެންދިޔަ ހަރަކާތެއްގައި ރައީސް ނަޝީދު: ވިދާޅުވީ މަޖިލިހުގެ މި ދައުރުގައި ސަރުކާރު ޖަވާބުދާރީކޮށް، ކަންކަން ރައްޔިތުންގެ ނަޒަރަށް ގެނެވުނު ކަމަށް - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
މި ދައުރުގައި ސަރުކާރު ޖަވާބުދާރީކޮށް، ކަންކަން ރައްޔިތުންގެ ނަޒަރަށް ގެނެވުނު
ރައްޔިތުންގެ މަޖިލިހުގެ މި ދައުރުގައި ސަރުކާރު ޖަވާބުދާރީކޮށް، ކަންކަން ރައްޔިތުންގެ ނަޒަރަށް ގެނެވުނު ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމުން މިއަދު އިސްތިއުފާ ދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement

މަޖިލިހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށްފަހު، މިއަދު ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މި ދައުރަކީ މިހާތަނަށް އެންމެ ގިނަ މަސައްކަތްތައް ކުރެވިފައިވާ މަޖިލިހުގެ ދައުރު ކަމަށެވެ. އެންމެ ގިނަ ބިލު ނިންމިފައިވާ އަދި މަޖިލީހުން ކުރަން ޖެހޭ އެހެނިހެން މަސައްކަތްތައް އެންމެ ގިނައިން ކުރެވިފައިވާ ދައުރަކީ ރައްޔިތުންގެ މަޖިލިހުގެ މި ދައުރު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މި 19 ވަނަ މަޖިލީހަކީ، އަޅުގަނޑު ދެކޭ ގޮތުގައެއް ނޫން. ހިސާބުތައް ވަރަށް ސާފުކޮށް އެނގޭނެ ގޮތުގައި 19 ވަނަ މަޖިލީހަކީ މިހާތަނަށް އެންމެ ގިނަ މަސައްކަތް ކުރެވިފައިވާ މަޖިލިސް. އެންމެ ގިނަ ބިލްވެސް ނިންމިފައިވާ މަޖިލިސް. އަދި އެހެންވެސް މަޖިލީހުގައި ހުރި އެހެން ކަންތައްތައް އެންމެ ގިނައިން ކުރެވިފައިވާ މަޖިލިސް،" - ރައީސް ނަޝީދު

އެމަނިކުފާނަށް މަޖިލިހުން ފުރުސަތު ލިބުނީތީ އުފާކުރައްވާކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތް އޮތީ އުޖާލާކޮށް ކަމަށެވެ. ރައްޔިތުންގެ މަޖިލިހުގެ މި ދައުރުގައި ސަރުކާރު ޖަވާބުދާރީކޮށް، ކަންކަން ރައްޔިތުންގެ ނަޒަރަށް ގެނެވުނު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭގޮތުގައި މިދިޔަ ފަސް އަހަރު ދުވަހަކީ ސަރުކާރުވެސް ޖަވާބުދާރީ ކުރެވުނު. އަދި ކަންކަން ރައްޔިތުންގެ ނަޒަރަށް ގެނެވުނު. އަދި އެހެންވީމާ އޮމާންކަމާ އެކީގައި އިރާދަކުރެއްވިއްޔާ ވެރިކަންވެސް ބަދަލުވެގެން މި ދަނީ،" - ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި މި އަހަރަކީ މަޖިލީހުން އެންމެ ގިނަ މަސައްކަތްކޮށްފައިވާ އަހަރު ކަމުގަ އެވެ. އާ ގާނޫނުއާސާސީއަށް އަމަލުކުރަން ފެށީއްސުރެ، 19 ވަނަ މަޖިލިސް ހާ ގިނައިން މަސައްކަތް ކުރެވުނު މަޖިލީހެއް ނާންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ ހިނގަމުންދާ މަޖިލީހަކީ ރާއްޖޭގައި މިހާތަނަށް ހިނގާފައި އޮންނާނެ އެންމެ ޑިމޮކްރެޓިކް މަޖިލިސް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އާ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިފަހުން މިހާތަނަށް ހަތަރު ރިޔާސީ އިންތިހާބަށް ކުރިމަތިލިއިރު، އެއިން ކޮންމެފަހަރަކުވެސް ރިޔާސީ އިންތިހާބަށްވާއިރަށް މަޖިލިހަށް މައްސަލަތަކާ ދިމާވާ ކަމަށެވެ. އެގޮތުން 2017 ވަނަ އަހަރު 2018 ވަނަ އަހަރަށް އަދި 2013 ވަނަ އަހަރަށް މަޖިލިސް ފުރޮޅިގެންދިޔަ ގޮތް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މި ދައުރަކީ ރައްޔިތުންގެ މަޖިލިސް ބަންދުނުކޮށް، މަޖިލިހުގެ ތެރެއަށް ސިފައިން ނުގެނެސް ރީތިކޮށް ކުރިއަށް ގެންދެވުނު މަޖިލިހެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި ރައްޔިތުންގެ މަޖިލިސް ހިންގަމުން އަންނަނީ 1930 ގެ އަހަރުތަކުން ފެށިިގެން ކަމަށާއި މިއަދާ ހަމަޔަށްއައިރު ހިނގަމުން ދަނީ 19 ވަނަ މަޖިލިސްކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވެފައި ވަނީ މީގެ ކުރިން ދިޔަ ތިން މަޖިލީހުގައިވެސް އެންމެ ބޮޑަށް ފާހަގަވެފައި އޮންނާނެ ކަމަކީ ފަހު އަހަރު މަޖިލިސް ހުއްޓިފައި އޮތުން ކަމަށެވެ. އަދި ގިނަ ފަހަރަށް ސިފައިންވެސް މަޖިލީހުގެ ތެރޭގައި ތިބޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި 19 ވަނަ މަޖިލިހުގައި އަމަލުކުރަމުން އައީ އެގޮތަށް ނޫން ކަމުގަ އެވެ. އެގޮތަށް އެކަންވީ މަޖިލިހުގެ މެންބަރުންނާއި ސިޔާސީ ޕާޓީތަކާއި މަޖިލިހުގެ އިދާރާއިން ކުރި ބުރަ މަސައްކަތުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް