ޔާމީންގެ އިސްތިއުނާފު މައްސަލައިގައި މިހާތަނަށް 10 ވަރަކަށް އަޑު އެހުން ބޭއްވިފައިވާއިރު، ކޮންމެ އަޑު އެހުމެއްވެސް ދެތިން ގަޑިއިރަށް ދިގުލައިގެން ދެއެވެ. ދިގު އަޑު އެހުންތަކަށް ފަހު އެންމެ ފަހުން މިއަދު އަދި މިދިޔަ ހަފްތާގައި އޮތީ ފަނޑިޔާރުންގެ ބެންޗުން މައްސަލައިގައި ހިމެނޭ ފަރާތްތަކާ ސުވާލު ކުރުމެވެ. މިއަދުވެސް ފަނޑިޔާރުންގެ ބެންޗުންވަނީ ދައުލަތާއި އަދި އިސްތިއުނާފު ކުރި ފަރާތްތަކާ ގިނަ ސުވާލުތަކެއް ކޮށްފައެވެ. އަދި އެއް ފަރާތުން ދައްކާ ވާހަކައަށް އަނެއް ފަރާތުން ޖަވާބު ދިނުންވެސް މިއަދުވެސް އޮތެވެ.
މިއަދުގެ އަޑު އެހުން ނިންމާލަމުން ޝަރީއަތުން އިއުލާން ކުރީ ދެން އޮންނާނީ ފަހު ބަސް އިއްވުން ކަމަށެވެ. ފަހު ބަސް އިއްވުމަށް ދެ ފަރާތަށް ދޭނެ ވަގުތު އިއުލާން ކުރުމަށް ފަހު މިއަދުގެ އަޑު އެހުން ނިންމާލީ މަގްރިބް ނަމާދަށް ގާތްވާން ވެފައި ހުއްޓައެވެ.
ޔާމީނާއި ޔޫސުފް ނައީމްގެ މައްޗަށް ހުކުމް އިއްވީ، ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އަތޮޅު އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގަ އެވެ. އެ މުއާމަލާތުގައި، ޔާމީން 1.1 މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމުގެ ތުހުމަތުގައި އުފުލި ދައުވާތައް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އަދަބެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން އިއްވީ 11 އަހަރުގެ ޖަލު ހުކުމެކެވެ. އަދި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ހުކުމެކެވެ.
ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އެވެ. އޭނާ ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.