ads
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ - ފޮޓޯ:މަޖިލިސް
ފިނޭންސް މިނިސްޓަރު އަމީރު އިންނެވީ ކުށުގެ ތުހުމަތެއްގައި: ނަޝީދު
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބަޖެޓް ހުށަހެޅުއްވުމަށް މީގެކުރިން ގަސްތުގައި މަޖިލީހަށް ވަޑައިނުގެންނެވީ ކަމަށް ތުހުމަތުކުރައްވައި، އަމީރު މިހާރު އެ އިންނެވީ ކުށެއްގެ ތުހުމަތުގައި ކަމަށް ވިދާޅުވެ، އަމީރުގެ މައްޗަށް ދައުވާކޮށްދިނުމަށް މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.

ނަޝީދު އެ އިޝާރާތްކުރެއްވީ، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި އޮއްވާ، އަމީރު ބަޖެޓް ހުށަހަޅަން ވަޑައިނުގެންނެވި މައްސަލަ އަށެވެ. އިތުބާރު ނެތްކަމުގެ މައްސަލަ ނުނިމު އޮތަސް ބަޖެޓް ހުށަހެޅުން ފަދަ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނަފަ އެވެ.

އަމީރު މިއަދު ބަޖެޓް ހުށަހަޅުއްވަން އެ ވަޑައިގެންނެވީ ނަޝީދު އިއްޔެ އިސްތިއުފާ ދެއްވުމުން، މަޖިލީހުގެ އާ ރައީސަކަށް އަސްލަމް އިންތިހާބުކުރުމަށް ފަހު ބޭއްވި ފުރަތަމަ ޖަލްސާ އަށެވެ. މިއަދު ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނީ ސަޕްލިމެންޓްރީ ބަޖެއްޓް ހުށަހެޅުއްވުމެވެ. 

މިއަދުގެ ޖަލްސާ ފެށުނީއްސުރެ ނަޝީދަށް ތާއީދުކުރައްވާ، ގިނަ މެމްބަރުންތަކެއް އައީ އެއް ފަހަރާ ނިޒާމީ ނުކުތާތައް ނަގަމުންނެވެ. އެގޮތުން ނަޝީދު އެފަދަ ނުކުތާއެއް ނަންގަވައި ވިދާޅުވީ އަމީރު މިހާތަނަށް ބަޖެޓު ހުށަހެޅުއްވުން ލަސްކުރައްވާފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. 

ނަޝީދު އިތުރަށް ވިދާޅުވީ މާލީ ވަޒީރު މަޖިލީހަށް ވަޑައިގެން އެ އިންނެވީ ކުށުގެ ތުހުމަތުގައި އިންނަވައިގެން ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުގެ ބާރުތައް ދޫ ނުކުރެވޭނެ ކަމަށާއި މާލީ ވަޒީރަށް މަޖިލީހަށް ގޮން ނުޖެހޭނެ ކަމަށެވެ.

"މާލީ ވަޒީރު މިތަނަށް ވަޑައިގެން އެ އިންނެވީ ކުށުގެ ތުހުމަތުގައި އިންނަވައިގެން... މިތަނަށް ބަޖެޓު ހުށަހެޅުމަށް މާލިއްޔަތު ގާނޫނު ވަރަށް ސާފުކޮށް ބަޔާންކުރޭ އެކަން ކުރަންވީ ދުވަސްތައް. ސިޔާސީ ބޭނުމަށް މި ބޭފުޅުން އެކި ގޮތްގޮތަށް މިކަން އަނބުރަމުން އެ ގެންދަނީ،" އާންމު މެމްބަރެއްގެ ގޮތުގައި މަޖިލީހުގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ ދަށުން މަޖިލީހުގެ ގަވާއިދުގައި ބުނަނީ ދެން އަންނަ އަހަރެއްގެ ބަޖެޓު އެ އަހަރެއްގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ކުރިން ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅުއްވަންޖެހޭނެ ކަމަށެވެ. ނަމަވެސް، ބަންޑާރަ ނައިބުގެ ލަފާގެ މަތިން އަމީރު އެ ދުވަހުގެ ޖަލްސާއަށް ވަޑައެއްނުގަންނަވަ އެވެ. ނަމަވެސް، ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ހުކުމްގައި ކަނޑައެޅީ ނަޝީދުގެ މައްސަލަ ނުނިންމާ ވެސް މަޖިލީހުގެ އެހެން މަސައްކަތްތައް ކުރުމަށް ހުރަހެއް ނެތް ކަމަށެވެ. 

ސުޕްރީމް ކޯޓުގެ ހުކުމުން އިޝާރާތް ކުރައްވާ، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި މައިނޯރިޓީ ލީޑަރު އަލީ އާޒިމް ވެސް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި ދެން އަންނަ އަހަރެއްގެ ދައުލަތުގެ ބަޖެޓު ހިނގާ އަހަރުގެ ނޮވެމްބަރު 1 ވަނަ ދުވަހުގެ ކުރިން ފިނޭންސް މިނިސްޓަރު ހުށަހަޅުއްވަންޖެހޭނެ ކަމަށް މާލިއްޔަތު ގާނޫނާއި މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށް ރިޔާސަތައް ހަދާންކޮށްދެއްވާފައި އެވެ. 

އާޒިމްގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވެސް ވަނީ ނިޒާމީ ނުކުތާތައް ނަންގަވައި އަމީރު މަޖިލީހަށް ވަޑައިނުގަނެ، މަޖިލީހުގެ އިމްތިޔާޒަށް އަރާވަޑައިގެންފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މަޖިލީހުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ބަޖެޓު ހުށަހެޅުއްވުމަށް ހުންނެވި މޭޒުކޮޅު ކައިރީގައި މަޖިލީހުގެ ޗެމްބަރުގައި ދަ ޑިމޮކްރެޓްސްގެ މެންބަރުން މިއަދު ވަނީ އިހުތިޖާޖުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް