އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް އިއްވާފައިވާ ކުރީގެ ނައިބުރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓާ ޢަބްދުﷲ ޒިޔަތަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބުގެ ފުރުސަތު ނުދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބޭނުންކުރި ހަތިޔާރު ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު، ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ވަނީ އެކްސްގައި ވިދާޅުވެފައެވެ.
ޖަލުން މިނިވަން ވުމަށްފަހު ދެން ކުރިއަށް ދާނީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ)ގެ މަސައްކަތް ތަކައިގެން ކަމަށް އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވަނީ ވިދާޅުވެފައެވެ.
އަދީބު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އަދީބު ވިދާޅުވީ އެއްވެސް ފިކުރަކީ މަރާލައި ނުވަތަ ޖަލުގައި ބަންދު ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި އެއީ އެންމެ އަނދިރި ހިސާބުން ވެސް ބޮޑުވެ ގައުމުގެ އެކި ކަންކޮޅުތަކާއި ހަމަޔަށް ވާސިލް ވާނެ އެއްޗެއް ކަމަށް އަދީބު ވިދާޅުވި އެވެ.
އަދި މިދުވަސް އަންނާނެ ކަމަށް ގަބޫލުކޮށްގެން ތިއްބެވި ހުރިހާ ފަރާތްތަކަށް ވެސް އަދީބު ވަނީ ޝުުކުރު ދަންނަވާފަ އެވެ.
މްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފަ އެވެ. މި މައްސަލައިގައި ޒިޔަތުގެ މައްޗަށް ވަނީ 30 އަހަރަށް ވުރެއް ދިގު މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ.
އެ ގޮތަށް ހުކުމްތަކެއް އިއްވާފައިވީ ނަމަވެސް، މި ސަރުކާރުން ވަނީ އެ ދެ ބޭފުޅުން ގޭބަންދަށް ބަދަލުކޮށްފަ އެވެ. މި ވެރިކަމުގެ ބޮޑު ބައެއް އެ ދެ ބޭފުޅުން ހޭދަކުރެއްވީ ގޭގަ އެވެ.
އަދީބު އަދި ޒިޔަތަށް މާފު ދެއްވާ މިނިވަން ކޮށްފައިވާއިރު މި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
ރައީސް ސޯލިހަށް އިންތިހާބުގައި ލިބުނު ނާކާމިޔާބީއަށް ފަހު، މިދިޔަ ދެ އަހަރުގައި ޖަލުގައި ހުންނެވި ޔާމީން ވަނީ މިދިޔަ މަހުގެ 1ގައި ގޭބަންދަށް ބަދަލުކޮށްފަ އެވެ.
ރައީސް ސޯލިހް 2018ގައި ވެރިކަމަށް ވަޑައިގަތީ އެ ހިޔާނާތް ބަލައި ގެއްލުނު ފައިސާ ހޯދާނެ ކަމުގެ ވައުދާ އެކު އެވެ. ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު، އެއިން އެންމެ ފައިސާއެއް ވެސް ދައުލަތަށް ހޯދިފައެއް ނުވެ އެވެ.
ރައީސް ސޯލިހުގެ އިހްތިޔާރުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބައިވެރިން މިނިވަން ވުމާއި ގުޅިގެން އާންމުން ދަނީ އެކަމާއިމެދު ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔުން އަމާޒު ކުރަމުންނެވެ.