ދިވެހި ފުލުހުންގެ ހިދުމަތުގެ މީޑިއާ އޮފިޝަލަކު ވިދާޅުވެފައި ވަނީ މިއަދު މެންދުރުފަހު 1:15 ހާއިރު، މާފަންނުގައި ހުންނަ ގެއެއްގެ ބެލްކަނިން ބައެއް ވެއްޓި، މަގުމަތީގައި އެވަގުތު ހުރި މީހަކަށާއި އެ ސަރަހައްދުގައި ހުރި ސައިކަލްތަކަކަށް ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގެ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކަށް ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން އެ އިދާރާއިން ބަލަމުން އަންނަ ކަމުގަ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވެފައި ވަނީ މި ހާދިސާ އާ ގުޅިގެން ޒަހަމްވި 24 އަހަރުގެ ފިރިހެނަކަށް އެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.