އިންޓަނޭޝަނަލް ބްރޭކަށް މެދު ކަނޑާލާފައި އަލުން ލީގު ފަށަން ތައްޔާރުވަމުން ދަނިކޮށް މަނީ ލޯންޑްރިންގެ ތުހުމަތުގައި ފުލުހުން އެފްއޭއެމް ރެއިޑް ކުރުމާއެކު ލީގުވަނީ ހުއްޓިފައެވެ. މިދިޔަ މަހު 28 ވަނަ ދުވަހު ލީގުގެ ކުޅުން އަލުން ފަށަން އޮތް ނަމަވެސް ފެށުން ވަނީ ލަސްކޮށްފައެވެ.
އެފްއޭއެމުން މަސައްކަތް ކުރަމުން އަންނަނީ އަންނަ ބުރާސްފަތި ދުވަހު ލީގުގެ ކުޅުން އަލުން ފަށާށެވެ. ބުރާސްފަތި ދުވަހު ހަވީރު އީގަލްސްއާ ޔޫވީ މެޗުން ލީގު އަލުން ފަށަން މަސައްކަތް ކުރަމުން އަންނަ އިރު، ބައެއް ކްލަބުތަކުން މުބާރާތުގައި ދެން ކުޅެވެން ނެތްކަންވަނީ އެފްއޭއެމަށް ރަސްމީކޮށް އަންގާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކްލަބުތަކުގެ މައިގަނޑު މައްސަލައަކީ މާލީ މައްސަލަތަކެވެ.
ފުލުހުން އެފްއޭއެމްގެ އޮފީސް ރެއިޑްކޮށް ސާމާނުތަކެއް ގެންގޮސްފައިވާތީ، މުބާރާތްތައް ކުރިއަށް ގެންދެވެން ނެތް ކަމަށް އެފްއޭއެމުން ކުރިންވަނީ ބުނެފައެވެ. އެ އެސޯސިއޭޝަނަށް ފީފާ އާއި އޭއެފްސީން ދޭ ފައިސާ، އެ ތަނުގެ ވެރިން ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމަށް ތުހުމަތު ކުރެވުމުން ތަހްގީގުގެ ބޭނުމަށް "ގިނަ އަދަދެއްގެ ލިޔެކިއުމާއި މަސައްކަތްތަކުގެ މާހައުލުގައި ކޮންމެހެން ބޭނުންކުރަންޖެހޭ އެތަކެއް އާލާތްތަކެއް" ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެފްއޭއެމުން ކުރިންވަނީ ބުނެފައެވެ. އަދި އެކަމުގެ ސަބަބުން ފުޓްބޯޅަ ލީގާއި ރޭވިފައި ހުރި އެނޫން ވެސް އެހެނިހެން މުބާރާތްތައް ކުރިއަށް ގެންދިއުމަކީ ކުރެވޭނެކަމެއް ނޫން ކަމުގައި އެފްއޭއެމުން ކުރިން ބުނެފައިވެއެވެ،