މި ކޮލެޖުން ފޯރުކޮށްދޭ އެކި ލެވެލްގެ ޕްރޮގްރާމުތަކުގެ ތެރޭގައި ކްލީކް ކޮލެޖްގެ އަމިއްލަ ޕްރޮގްރާމްތަކުގެ އިތުރުން މެލޭޝިޔާގެ SEGi University ގެ ބެޗެލަސް ޑިގްރީ، އިނގިރޭސިވިލާތުގެ އެޑްވާންސިން ބިޒްނަސް އެޑިއުކޭޝަން (ABE, UK)، ކޮންފެޑެރޭޝަން އޮފް ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ (CTH, UK) އަދި އެސޯސިއޭޝަން އޮފް ޗާޓަޑް ސަޓިފައިޑް އެކައުންޓެންޓްސް (ACCA) ގެ ޕްރޮގްރާމްތައް ހިމެނެ އެވެ.
މި ކޮލެޖުން 2023 ވަނަ އަހަރު ޖުމްލަ 143 ދަރިވަރުން ވަނީ ދަސްވެނިވެފަ އެވެ. މި ހަފުލާގެ ޝަރަފުވެރި މެހެމާނަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.
މި ހަފުލާގައި އެކި ޕްރޮގްރާމްތަކުން ދަސްވެނިވި ދަރިވަރުންނަށް ސަނަދު ދިނުމުގެ އިތުރުން 2022 ވަނަ އަހަރު ތައުލީމީ ގޮތުން މަތީ ވަނަތައް ހާސިލުކޮށްފައިވާ ދަރިވަރުންނަށް ސެޓްފިކެޓާއި އެވޯޑު ދެވުނެވެ. މީގެ އިތުރުން ކޮލެޖުގެ އެކި ހަރަކާތްތަކުގައި ބައިވެރިވެ، ކޮލެޖަށް ހިދުމަތް ކޮށްދީފައިވާ ދަރިވަރުންނާއި ކިޔަވައިދިނުމުގައި ފާހަގަކޮށްލެވޭ މުދައްރިސުންގެ އަގުވަޒަންކޮށް އެފަރާތްތަކަށް ސެޓްފިކެޓާއި ހަނދާނީ ފިލާ އެރުވުނެވެ.
ކްލީކް ކޮލެޖްގެ މި އަހަރުގެ ދަސްވެނިވުމުގެ ހަފުލާގެ ތެރެއިން - ފޮޓޯ:ކްލީކް ކޮލެޖް
ކްލީކް ކޮލެޖްގެ "އެޗީވްމަންޓް އެވޯޑް" ލިބިފައިވާ ދަރިވަރުން:
"ސްޕެޝަލް އެވޯޑްސް" ލިބުނު ދަރިވަރުންނާއި މުދައްރިސުން:
މި ހަފުލާގައި ކްލީކް ކޮލެޖުގެ ޕްރެޒިޑެންޓް ޑރ. ނައުޝާދު މުހައްމަދުގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައިވެރިވެވަޑައިގެން ޖަލްސާ ޝަރަފުވެރި ކޮށްދެއްވުމުގެ ޝުކުރު އަދާކުރައްވައި، ވޭތުވެދިޔަ ފަސް އަހަރު ގައުމު ބިނާ ކުރެއްވުމަށް ކުރެއްވި އަގުހުރި މަސައްކަތުގެ އަގުވަޒަންކޮށް ޝުކުރު އަދާކުރެއްވި އެވެ. މިނިސްޓަ އޮފް ހަޔަ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން އަދި ސްޕެޝަލް އެޑްވައިޒަ އޮން ސޯޝަލް ޕޮލިސީ، ޑރ. މުސްތަފާ ލުތުފީ ކްލީކް ކޮލެޖްގެ މި ޖަލްސާގައި ބައިވެރިވަޑައިގަތުމާ ގުޅިގެން އެބޭފުޅުންނަށްވެސް ޝުކުރުއަދާކުރެއްވި އެވެ. ކްލީކް ކޮލެޖަކީ ވޭތުވެދިޔަ 23 އަހަރުގެ ތެރޭގައި ފެންވަރު ރަނގަޅު، ދުނިޔޭގެ މަޝްހޫރު އެތައް ޔުނިވާސިޓީތަކަކާ އެއްފެންވަރުގެ ކޯސްތަކެއް ހިންގަމުން އަންނަ ކޮލެޖެއްކަން ފާހަގަ ކުރެއްވި އެވެ.
ކްލީކް ކޮލެޖްގެ މި އަހަރުގެ ދަސްވެނިވުމުގެ ހަފުލާގެ ތެރެއިން - ފޮޓޯ:ކްލީކް ކޮލެޖް
ކްލީކް ކޮލެޖުން ދަސްވެނިވާ ދަރިވަރުންނަކީ ދިވެހިރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަޒީފާ އަދާކުރުމުގެ ފުރުސަތުތައް ހުޅުވިފައިވާ ދަރިވަރުންތަކެއް ކަމުގައިވުމަށް ކްލީކް ކޮލެޖުން ގަދައަޅާ މަސައްކަތް ކުރާކަން ހާމަކުރެއްވި އެވެ. މިގޮތުން އިންފޮމޭޝަން ޓެކްނޮލޮޖީ، ސްޕޯޓްސް އެންޑް އެކްސަސައިޒް އަދި ޓުއަރިޒަމް ފަދަ ވަޒިފާގެ ފުރުސަތުތައް އިތުރުވަމުންދާ ދާއިރާތަކާ ގުޅޭ އެތައް ކޯހެއް ކްލީކް ކޮލެޖުގައި ކުރިއަށް ގެންދެ އެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ޑރ. ނައުޝާދު މުހައްމަދު ވަނީ ކޮވިޑް-19 ފަދަ އުނދަގޫ ވަގުތުތަކެއްގެ ތެރޭގައި ގަދައަޅައި މަސައްކަތްކޮށް ދަސްވެނިވި ދަރިވަރުންނާއި އެކިއެކި އެވޯޑު ހާސިލުކުރި ދަރިވަރުންނަށް ތައުރީފު ހައްގުވާ ކަމާއި އެ ހުރިހާ ދަރިވަރުންނަށް އަދި އެ ދަރިވަރުންނާ އެންމެގާތުން މަސައްކަތް ކުރައްވާ މުދައްރިސުންނަށް މަރުހަބާ ދަންނަވާފަ އެވެ. ހަމަ އެ އާއެކު ކްލީކް ކޮލެޖްގެ ކާމިޔާބީއަށް އެ ކޮލެޖްގެ މުވައްޒަފުން ކުރައްވާ އަގުހުރި މަސައްކަތަށް ޝުކުރު ދެންނެވި އެވެ.