ads
ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާން
ސުލޫކީ މައްސަލަ ސާބިތުވެ ވަކިކުރަން ނިންމި ފަނޑިޔާރު ޝުޖާއު ޖޭއެސްސީއަށް
ސުލޫކީ މައްސަލަތަކެއް ސާބިތުވެ، ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ނިންމުމުން މަގާމުން އިސްތިއުފާދިން، ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން، ޖޭއެސްސީއަށް އަންނަން ކެމްޕެއިން ފަށައިފިއެވެ.

ސުލޫކީ މައްސަލަތަކެއް ސާބިތުވެ، ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ނިންމުމުން މަގާމުން އިސްތިއުފާދިން، ޝުޖާއު އުސްމާން، ޖޭއެސްސީއަށް އަންނަން ކެމްޕެއިން ފަށާފައިވަނީ، ޖޭއެސްސީގައި ހިމެނޭ ލޯޔަރުންގެ ސްލޮޓަށެވެ. ޖޭއެސްސީގައި ހިމެނޭ ލޯޔަރުންގެ ސްލޮޓް ހުސްވީ، އެ މަގާމުގައި ހުންނެވި މާނިއު އިސްތިއުފާ ދެއްވުމުންނެވެ. 

ޝުޖާއު އުސްމާނަކީ، ސުލޫކީ މައްސަލަތަކެއް ސާބިތުވުމުން މަގާމުން އިސްތިއުފާ ދިން ފަނޑިޔާރެކެވެ. އޭނާ އިސްތިއުފާ ދެއްވާފައިވަނީ މަގާމުން ވަކިކުރަން ޖޭއެސްސީ އިން ނިންމައި، އެ މައްސަލަ މަޖިލީހަށް ފޮނުވުމުންވެ. 

އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ފޮނުވާފައިވަނިކޮށް ޝުޖާއު މަގާމުން އިސްތިއުފާ ދެއްވާއި، ނެރުއްވި ބަޔާނުގައި ބުނީ 1996 ވަނަ އަހަރުން ފެށިގެން އޭނާ އައީ ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ފަނޑިޔާރެއްގެ މަގާމު އަދާކުރައްވަމުން ކަމަށެވެ. އެ ދުވަހު ޝުޖާއު ވިދާޅުވީ ދިގު މުއްދަތެއް ވަންދެން ދައުލަތަށް ހިދުމަތް ކުރެއްވި ނަމަވެސް ހިތާމައަކީ ޝަރުއީ ދާއިރާއިން ރިޓަޔާ ކުރުމުގެ ފުރުސަތު ވެސް އޭނާއަށް ދިނުމަކާއި ނުލާއި އެއްވެސް އަސާސެއް ނެތް ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ބަދަލުހިފުމާއި ޒާތީ ހަސަދަވެރިކަމާއި ވަކި ސިޔާސީ ފިކުރެއް ކުރިއެރުވުމަށްޓަކައި ޖޭއެސްސީން އަނިޔާވެރި ނިންމުމެއް ނިންމުމުން ކަމަށެވެ.

ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމީ އަހަރަކަށް ވުރެ ގިނަ ދުވަހަށް ދެމިގެން ދިޔަ ތަހުގީގަކަށް ފަހު އެވެ.

ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ޝުޖާއުވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ފާޅުގައި ރައީސް ޔާމީނަށް ކެމްޕެއިންކޮށްފަ އެވެ. އޭގެ އިތުރުން ރައީސް ޔާމީންގެ މައްޗަށް ކުރެވުނު މަނީ ލޯންޑަރިންގެ ދައުވާއާ ގުޅިގެން ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފައިވާ މައްސަލަ ހައިކޯޓުގައި ހިނގަމުންދަނިކޮށް، މައްސަލައިގެ ބެންޗު ބަދަލުކޮށް އަމިއްލައަށް ބެންޗުގައި ހިމެނި، އެކައުންޓްތައް ދޫކޮށްލި ފަނޑިޔާރުންގެ ތެރޭގައިވެސް ޝުޖާއު ހިމެނެއެވެ.

ޝުޖާއު، ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ޖޫން މަހުއެވެ. ޝުޖާއުއަށް ހައިކޯޓުގެ އިސްފަނޑިޔާރުކަން ދިނީ، ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވި ބެންޗުގައި ހިމެނުނު އަބްދުﷲ ދީދީއަށް ސުޕްރީމް ކޯޓަށް އައްޔަން ކުރުމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް