ދައުރު ހަމަވާން ދެ ދުވަހަށް ވެފައި ވަނިކޮށް މާފަރުފަޅު ހިއްކައި މީހުން ދިރިއުޅޭ ތަނެއްގެ ގޮތުގައި އެތަން ތަރައްގީކުރުމަށް ރައީސް ސޯލިހު ނިންމެވީ މިއަދެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މަހިބަދޫއަށް ވަޑައިގެން ރައީސް ވަނީ ދެ ވަނަ ދައުރަކަށް އިންތިހާބު ވެއްޖެނަމަ އެރަށު ކައިރީގައި އޮންނަ މާފަރުފަޅު ހިއްކައި މަހިބަދޫ ރައްޔިތުންނަށް ގޯތިދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެފަދަ މާފަރުފަޅު ހިއްކައި މަހިބަދޫ މީހުންނަށް ގޯތިދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.
މާފަރުފަޅު މަހިބަދޫގެ އިހްތިސާސްގެ ތެރޭގައި ހިމަނައި އެ ތަނުގައި ގެދޮރުވެރިކަމުގެ މަޝްރޫތަކާއި އެހެން މަޝްރޫތައް ވެސް ހިންގަވައިދެއްވާނެކަމަށް މުއިއްޒު ވިދާޅުވެފައިވެއެވެ.