މާދަމާ ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ރަސްމިއްޔާތާ ގުޅިގެން އެ ސަރައްހައްދު އެއްކޮށް ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ހުވާކުރުމުގެ ރަސްމިއްޔާތާ ގުޅިގެން ބޮޑުތަކުރުފާނު މަގުން ލޯކަލް މާރުކޭޓުން ފެށިގެން ދެކުނަށް މާގިރި ހޮޓަލާ ހަމައަށް ބަންދުކުރާއިރު، ރައްޔިތުންގެ މަޖިލިސް ހިމެނޭ ސަރަހައްދާއި ރައީސް އޮފީހުގެ އިތުރުން މުލިއާގެ ހިމެނޭ ސަރަހައްދުގެ ބައެއް މަގުތައް ބަންދު ކުރުމަށް ވަނީ ނިންމާފަ އެވެ.
އިންތިހާބީ ރައީސް ހުވާކުރައްވާ ރަސްމިއްޔާތާ ގުޅިގެން ޕާކް ކުރުން މަނާ ސަރަހައްދުތަކާ އަދި ފަޅުގެ ސަރަހައްދުން ބަންދުކުރެވޭ ސަރަހައްދު އަންގައިދޭ ފްލޯ ޗާޓެއް ފުލުހުން ވަނީ އާންމުކޮށްފަ އެވެ. ޗާޓުގައި ފާހަގަކޮށްފައިވާ ސަރަޙައްދުތަކުގައި އެއްގަމު އުޅަނދު ޕާކް ކުރުން މަނާކޮށްފައިވަނީ މިއަދު ހަވީރު 6:00 އިން ފެށިގެން މި މަހުގެ 18 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށެވެ.
މި ރަސްމިއްޔާތާ ގުޅިގެން އެއް ނަމްބަރު ފާލަން ހިމެނޭ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ބަންދު ކުރުމަށް ނިންމާފައިވާއިރު، އެ ފާލަމުން ފެށިގެން ހަތް ނަންބަރު ފާލަމަށް ބަންދު ކުރަން ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މި ސަރަހައްދަށް ވަދެ ނުކުމެ ހެދުން ބަންދު ކުރުމަށް ނިންމާފައި ވަނީ މިރޭ 12:00 އިން ފެށިގެން 18 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށެވެ.
ހުވާކުރާ ދުވަހުގެ ޓްރެފިކް ފްލޯއަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވެފައިވަނީ ހުވާކުރުމުގެ ރަސްމިއްޔާތާ ގުޅިގެން މާލޭގެ އެންމެ ބާރު ބޮޑު އެއް ސަރަހައްދު ބަންދު ކުރުމުން މާލޭގެ އެތެރޭގެ ޓްރެފިކް ބާރު ބޮޑުވާނެ ކަމަށެވެ. އެކަމަށް ލުއި ހޯދައި ދިނުމަށް ފުލުހުން މަސައްކަތް ކުރަމުން ދާނެ ކަމަށް ސަމީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިކަމުގައި އާންމުންގެ އެހީތެރިކަން ދަނީ ލިބެމުން ކަމަށާއި ކުރިއަށް އޮތް ދެ ދުވަހުވެސް އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރާ ކަމުގަ އެވެ.
ސަމީރު ވިދާޅުވީ އެ ސަރަހައްދުގައި ހުރި ކެފޭ، ރެސްޓޯރަންޓް އަދި އާންމު ވިޔަފާރިތައް ރަސްމިއްޔާތު އޮންނަ ވަގުތުގައި ބަންދު ކުރުމަށް އެފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ. މިފަދަ ބޮޑެތި ރަސްމިއްޔާތުތައް ބާއްވާ ދުވަސްތަކުގައި އެ ސަރަހައްދެއްގެ ރައްކާތެރިކަން ކަށަވަރުކުރަން ކަންކަން ކުރަމުން އަންނަ އުސޫލާ އެއްގޮތަށް މި ސަރަހައްދަށް އާންމުން ވަދެ ނުކުމެ ހެދުން މަނާވާ ހިސާބުން ވިޔަފާރިތައްވެސް ބަންދު ކުރަން އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުން އެދޭ ކަންކަމުގައި އާންމުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭކަން ފާހަގަކޮށް ސަމީރު ވަނީ ކަނޑައެޅިފައިވާ ސަރަހައްދުތައް ބަންދު ކުރުމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް ކެތްތެރިވުމަށް އިލްތިމާސް ކުރައްވާފަ އެވެ.
އިންތިހާބީ ރައީސް ހުވާކުރާ ރަސްމިއްޔާތަށް ބޭރު ގައުމުތަކުގެ ރައީސުންނާއި މަންދޫބުންގެ އިތުރުން ސަފީރުން ވަޑައިގެންނެވުމަށް ހަމަޖެހިފައިވާތީ މި ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރަށް ވަރުގަދަކޮށްފައިވާއިރު، މާދަމާ މެންދުރުފަހު 1:30 ގެ ފަހުން މި ސަރަހައްދަށް ވަދެވޭނީ ދައުވަތު އަރުވާފައިވާ ފަރާތްތަކަށް އެކަންޏެވެ.