ads
ގެދޮރުވެރިން ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އެވަލުއޭޓް ކުރުމަށް އެކުލަވާލި ގެދޮރުވެރިންގެ ކޮމިޓީގެ ބައްދަލުވުމެއް - ފޮޓޯ:ހައުސިން މިނިސްޓްރީ
އޭސީސީން ވަކިގޮތެއް އަންގަންދެން ފްލެޓު ހަވާލުކުރުން ހުއްޓާލައިފިން: ހައުސިން މިނިސްޓްރީ
"ގެދޮރުވެރިޔާ ސްކީމް" ގެ ދަށުން މާލޭ ސަރަހައްދުން ދޫކުރާ ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މިނިސްޓްރީއަށް އަންގާފައިވާ އެންގުމާ ގުޅިގެން އެ ކޮމިޝަނުން ވަކިގޮތެއް އަންގަންދެން އެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މާލެ ސަރަހައްދުން ފްލެޓު ދޫކުރުމަށް ސަރުކާރުން ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން، މާލެ ސަރަހައްދުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތް މި ވަގުތު ކުރިއަށް ނުގެންދިއުމަށް އޭސީސީން އެ މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.

އޭސީސީން އެ މިނިސްޓްރީއަށް އެންގި މި އެންގުމާ ގުޅިގެން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތް އެ ކޮމިޝަނުން ވަކިގޮތެއް އަންގަންދެން ހުއްޓާލާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

ގެދޮރުވެރިޔާ ސްކީމުން ފުރަތަމަ 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު ހައުސިން މިނިސްޓްރީން ރޭ އިރާކޮޅު އާންމުކޮށް، ގުރުއަތު ނެގުމުގެ މަސައްކަތް ފެށި އެވެ. އެހެންނަމަވެސް އެ މަސައްކަތް އިތުރަށް ކުރިއަށް ނުގެންގޮސް ހުއްޓާލުމަށް އޭސީސީން ވަނީ އެ މިނިސްޓްރީއަށް އަންގާފަ އެވެ.

އޭސީސީން ބުނެފައި ވަނީ ފްލެޓުތަކަށް ޝަރުތު ހަމަވާ ނުވާ މީހުންތަކަކަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައި، އެ މީހުންނަށް ޕޮއިންޓް ދިނުމާއި ފޯމުތައް އިވެލުއޭޓް ކުރިއިރު، އުސޫލާ ހިލާފަށް ބައެއް މީހުންނަށް ޕޮއިންޓް ދީފައިވާކަން އެ ކޮމިޝަނުގެ ތަހުގީގަށް ފާހަގަވެފައިވާ ކަމަށެވެ. އަދި ބައެއް މީހުން ހުށަހެޅި މައުލޫމާތުގެ ސައްހަކަން ޔަގީން ކުރެވެން އޮތް ނަމަވެސް، އެކަން އެ މިނިސްޓްރީން ކޮށްފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް