މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތު ބޭއްވުމަށް ނިންމާފައިވަނީ މާދަމާ ހަވީރު ޖުމްހޫރީ މައިދާނުގަ އެވެ. އެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ދައުވަތު ރައީސް ޔާމީނަށް ފޮނުވާފައި ވީނަމަވެސް، ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަތުމަށް ނިންމަވާފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލު އާދަމް ޝަމީމް ވަނީ ވިދާޅުވެފަ އެވެ.
ޝަމީމް ވިދާޅުވެފައި ވަނީ ރައީސް ޔާމީނަށް ދައުވަތު ފޮނުއްވެވި ނަމަވެސް ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު އެފަދަ ކަރާމާތްތެރި އަދި ހައިބަތު ބޮޑު ޖަލްސާއެއްގައި ބައިވެރިވުމަކީ، އެ ޖަލްސާގެ ކަރާމާތާއި ހައިބަތަށް އުނިކަން ލިބޭނެ ކަމެއް ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަމަކީ ތަހުޒީބީ މުޖުތަމައުތަކުގައިވެސް ގަބޫލުކުރާ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާތީ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަތުމަށް ނިންމަވައި، އެކަން ރައްޔިތުންގެ މަޖިލިހުގެ ރައީސަށް ދަންނަވާފައިވާ ކަމަށް ޝަމީމް ވަނީ ވިދާޅުވެފަ އެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްވެ، އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް އެ ހުކުމް ދަނީ ތަންފީޒުކުރަމުންނެވެ.
ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީ އާއެކު މުއިއްޒުގެ އެދިވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރައީސް ޔާމީންގެ ޖަލު ހުކުމް، ގޭ ބަންދަށް ލުއިކޮށްދެއްވާފަ އެވެ. އެފަހުން ކަރެކްޝަންސްއިން ވަނީ ސިއްހީ ކަންކަމާއި ކަސްރަތު ކުރުމުގެ އިތުރުން ބައެއް ބައްދަލުވުންތަކުގައި ބައިވެރިވެވޭ ގޮތަށް ރައީސް ޔާމިންގެ ބަންދަށް ލުއިތަކެއް ދީފަ އެވެ.
ކަރެކްޝަންސްއިން ބުނެފައިވާ ގޮތުގައި އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ހުއްދައަށް ރައީސް ޔާމީން އެދިވަޑައިގެންފައި ނުވާ ކަމުގަ އެވެ.