
މޭޔަރު ކަމުން އިސްތިއުފާ ދެއްވިކަން އިއުލާނު ކުރައްވައި އެކްސްގައި ލިއުއްވި ލިއުއްވުމެއްގައި އެ ކައުންސިލުގެ ކައުންސިލަރުންނާއި, ވެރިންނާއި, މުވައްޒަފުން ދެއްވި ފުރިހަމަ އެއްބާރުލުމަށާއި ކުރި މަސައްކަތްތަކަށް މުއިއްޒު ޝުކުރު އަދާކުރެއްވި އެވެ. މޭޔަރު ކަމަށް ހޮވަން މާލޭގެ ރައްޔިތުން ކުރި ތާއީދަށާއި, މޭޔަރު ކަމުގެ ޒައާމަތުގައި ދިން އެއްބާރުލުމަށް ޓަކައި ރައްޔިތުންނަށް ވެސް މުއިއްޒު ޝުކުރު އަދާކުރެއްވި އެވެ.
ރިޔާސީ އިންތިހާބުން ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބީ އަށް ފަހު، އިންތިގާލީ މަރުހަލާގެ މަސައްކަތްތައް ކުރެއްވުމަށް މުއިއްޒު ވަނީ މި މަހު ހަތަރެއްގައި މޭޔަރު ކަމުގެ ޒިންމާތަކުން އެއްފަރާތްވެވަޑައިގެންފަ އެވެ. މުއިއްޒު ވަނީ އެ ކައުންސިލުގެ ހުރިހާ އިސް ޒިންމާތަކެއް ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝްއާ ހަވާލުކުރައްވައިފަ އެވެ.
މާލޭގެ މޭޔަރުގެ މަގާމާ މުއިއްޒު ހަވާލުވެވަޑައިގެންނެވީ މެއި 17، 2021 ގަ އެވެ.
އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައްޔިތުންގެ މަޖިލީހުން ވަނީ 4،500 މީހަކަށް ދައުވަތު ދީފަ އެވެ. ޑރ. މުއިއްޒު ހުވާކުރައްވާނީ މިއަދު ހަވީރު 4:45 ގައި ޖުމްހޫރީ މައިދާން ސަރަހައްދުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ގައެވެ.