އޭޝިއަން ހޭންޑްބޯޅަ ފެޑެރޭޝަންގެ ކޮންޓިނެންޓަލް ރެފްރީސް ބެޖު ހޯދި ދިވެހި ދެ އަންހެން ރެފްރީންނަކީ ޝިޒްނާ ރަޝީދު (ޝިޒްޓޯ) އާއި ރަފާހާ އިބްރާހިމްއެވެ.
ޝިޒްނާ އާއި ރަފާހާ އަށް އޭއެޗްއެފްގެ ކޮންޓިނެންޓަލް ރެފްރީސް ބެޖު ލިބުމާ އެކު މި ދެ ރެފްރީންވެފައި ވަނީ ރާއްޖޭގައި އޭޝިއާ ސަރަހައްދުގެ ރެފްރީންގެ މަތީ ފާސް ހޯދި އެންމެ ފުރަތަމަ ދެ ދިވެހި ރެފްރީންނަށެވެ. މިއީ މި ސާކް ސަރަހައްދުގެ ގައުމުތަކަށް ބަލާއިރުވެސް އައިއެޗްއެފް ރެފްރީ ބެޖު ލިބުނު ފުރަތަމަ އަންހެން ދެ ރެފްރީންނެވެ.
އޭއެޗްއެފްގެ ކޮންޓިނެންޓަލް ރެފްރީސް ބެޖު ރާއްޖޭގެ ދެ ރެފްރީއަކަށް ލިބުމާ ގުޅޭގޮތުން ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ މިއީ ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށެވެ. މުޖޭ ވިދާޅުވީ ޝިޒްނާ އަދި ރަފާހާ އަށް މި ލިބުނު ކާމިޔާބާ އެކު ސަރަހައްދީ ލެވެލްގައި ރަނގަޅު ފުރުސަތުތަކެއް ރާއްޖެ އަށް ލިބޭނެ ކަމަށެވެ. އަދި އޭޝިއާ ސަރަހައްދުގެ މުބާރާތްތަކުން މި ދެ ރެފްރީންނަށް ގިނަ ފުރުސަތުތަކެއް ފަހިވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.