ads
ރައީސް ޑރ. މުއިއްޒު ލަންކާ ރައީސްއާ ބައްދަލު ކުރެއްވުން - ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުއިއްޒު ލަންކާގެ ރައީސްއާ ބައްދަލު ކުރައްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާ ބައްދަލުކުރައްވައިފިއެވެ.

ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ބައްދަލުކުރެއްވުމާއި ގުޅޭގޮތުން ރައީސް އޮފީހުން ބުނީ، ރައީސް ޑރ. މުއިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ގާނޫނީ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގެންނެވުމުން އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވި ކަމަށެވެ. 

އަދި ލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގެންނެވުމަކީ ދެ ގައުމުގެ ގާތްގުޅުން ދައްކުވައިދޭ ކަމެއްކަން ރައީސް ޑރ. މުއިއްޒު ވަނީ ފާހަގަކުރައްވާފަ އެވެ.

އޭގެ އިތުރުން ލަންކާގެ ރައީސް ވަނީ ރައީސް ޑރ. މުއިއްޒު ރާއްޖޭގެ ރައީސް ކަމުގެ މަގާމާ ހަވާލުވެވެވަޑައިގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެގައުމުގެ ދެމެދު އޮންނަ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، މިގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. 

އެގޮތުން ތައުލީމީ ދާއިރާއާ ގުޅޭ ގޮތުންނާއި 18 އަހަރުން ދަށުގެ ދަރިވަރުންނަށް ވިސާ ލިބުމުގައި ލުއިފަސޭހަ ގޮތްތައް ހަމަޖެއްސުމާ ގުޅޭ ގޮތުންނާއި އިގުތިސާދު އާރާސްތުކުރުމަށް ކުރެވޭ މަސައްކަތްތައް ހިމެނޭހެން ދެ ގައުމުން އިސްކަންދޭ މުހިންމު ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.

ލަންކާގެ ރައީސް ވަނީ ރައީސް މުއިއްޒު އެ ގައުމަށް ވަޑައިގަތުމަށް ދައުވަތު ވެސް އަރުއްވައިފަ އެވެ. އެ ދައުވަތު މުއިއްޒު ގަބޫލު ވެސް ކުރެއްވި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް