ads
އިންތިގާލީ އިންސާފުގެ އޮފީސް: ގާނޫނުގައި ބުނާ މުއްދަތު ހަމަވުމުން އޮފީހުގެ ހަރުމުދަލާއި ލިޔެކިޔުންތައް ހަވާލުކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގާފައި - ފޮޓޯ:ދައުރު
މުއްދަތު ހަމަވުމުން އިންތިގާލީ އޮފީސް އުވިއްޖެ، ލިޔުންތައް ހަވާލުކުރަން އަންގައިފި
ގާނޫނުގައި ބުނާ މުއްދަތު ހަމަވުމާ ގުޅިގެން އިންތިގާލީ އިންސާފުގެ އޮފީހުގެ ހަރުމުދަލާއި ލިޔެކިޔުންތައް ހަވާލުކުރުމަށް ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.

ގާނޫނުގެ ދަށުން އުފައްދަވާފައިވާ އިންތިގާލީ އިންސާފުގެ އޮފީސް އިއްޔެގެ ނިޔަލަށް މުއްދަތު ހަމަވެފައިވާތީ އެ އޮފީހުގެ ހަރުމުދަލާއި ހުރިހާ ލިޔެކިއުންތައް ފިނޭންސް މިނިސްޓްރީ އާ ހަވާލުކުރުމަށް އެ މިނިސްޓްރީ އަންގާފައިވާ ކަމަށް އިންތިގާލީ އޮފީހުން ބުނެފި އެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން އިއްޔެ ގެޒެޓު ކުރި ލިޔުމެއްގައި ބުނީ އިއްޔެގެ ނިޔަލަށް އެ އޮފީހުގެ މުއްދަތު ހަމަވާތީ، އެ އޮފީހުގެ ހަރުމުދަލާއި އެންމެހާ ލިޔެކިޔުންތައް ފިނޭންސް މިނިސްޓްރީ އާ ހަވާލުކުރަން އެ މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

އިންތިގާލީ އޮފީހަކީ ރާއްޖޭގައި މިދިޔަ 65 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ހިންގާފައިވާ ލާއިންސާނީ މައްސަލަތަކަށް އިންސާފު ހޯދައި ދިނުމަށް 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި އޮފީހެކެވެ. އިންތިގާލީ އިންސާފުގެ ގާނޫނުން އެ އޮފީހުގެ ދައުރަކީ ދެ އަހަރު ދުވަހުގެ މުއްދަތެއް ކަމަށް ކަނޑައެޅި އެވެ. އަދި އެ މުއްދަތުގެ ތެރޭގައި އިންތިގާލީ އޮފީހަށް ހުށަހެޅޭ މައްސަލަތައް ނުނިމިދާނެ ކަމަށް ރައީސްއަށް ފެނިވަޑައިގަންނަވާ ނަމަ އެ އޮފީހުގެ ދައުރުގެ މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން މަސައްކަތްތައް ނިންމާނެ ގޮތެއް ގާއިމުކޮށްދޭން ޖެހެ އެވެ. އެގޮތުން ރައީސް ސޯލިހު ވަނީ އެ އޮފީހުގެ މުއްދަތު އިއްޔެގެ ނިޔަލަށް އިތުރުކޮށްދެއްވާފަ އެވެ.

އިންތިގާލީ އޮފީސް އުފައްދައި މައްސަލަ ހުށަހެޅުމަށް ހުޅުވާލުމުން 487 މައްސަލައެއް ހުށަހެޅިއިރު، އޭގެތެރެއިން އެ އޮފީހުން ބަލަން ނިންމީ 449 މައްސަލައެކެވެ. އެ އޮފީހުން ބުނެފައި ވަނީ ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި މައްސަލަ ނިމިފައިވާ ކަމަށާއި އަނެއްބައި މައްސަލަތައް ނުނިމޭ ކަމަށެވެ. ނުނިމި ހުރި މައްސަލަތަކަށް ހަދާނެ ވަކިގޮތެއް އަދި ނުނިންމާ ކަމަށް އިންތިގާލީ އޮފީހުން ބުނެ އެވެ.

ރާއްޖޭގައި ހިންގާފައިވާ ލާއިންސާނީ އަމަލުތަކަށް އިންސާފު ހޯދައި ދިނުމަކީ ކުރީގެ ރައީސް ސޯލިހު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅެކެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް