ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަގެ ދެކަނބަލުން މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ލަންކާގެ ރައީސްގެ ދެކަނބަލުންނަށް އަލްވަދާއު ވިދާޅުވެފައި ވަނީ މި ސަރުކާރުގެ އާ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ.
ރައީސްގެ ދެކަނބަލުން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ އިތުރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރުގެ އިއްޒަތްތެރިންގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރުނބާ މޯލްޑިވްސްގައި ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގައިވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އެ ބައްދަލުކުރެއްވުމުގައި އެކި ދާއިރާތަކުން ދެ ގައުމުގެ މެދުގައި ގުޅުންބަދަހި ކުރެއްވުމާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.
ދެ ގައުމުގެ ވެރިންގެ ދެމެދުގައި ބޭއްވެވި އެ ބައްދަލުވުމުގައި ލަންކާގެ ރައީސް ވަނީ ރައީސް ޑރ. މުއިއްޒަށް ފަސޭހަފުޅު ވަގުތެއްގައި އެ ގައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ދައުވަތު އަރުވާފަ އެވެ. އެ ދައުވަތު ރައީސް ޑރ. މުއިއްޒު ވަނީ ގަބޫލުފުޅު ކުރައްވާފަ އެވެ.
މި ދަތުރުފުޅަކީ ރަނިލް ރާއްޖެއަށް ކުރެއްވި ތިން ވަނަ ރަސްމީ ދަތުރުފުޅެވެ. އެންމެފަހުން އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންފައި ވަނީ އެ ގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނަވާ 2019 ވަނަ އަހަރުގަ އެވެ.