ލާމަރުކަޒީ ގާނޫނު މިހާރު އޮތް ގޮތުން ކައުންސިލަރުން އިސްތިއުފާ ދެއްވާފައިވާކަން އެލްޖީއޭ އިން އަންގާ ދުވަހުން ފެށިގެން 45 ދުވަސް ތެރޭގައި ބައި-އިލެކްޝަން ބާއްވަންޖެހެ އެވެ.
މޭޔަރާއެކު 19 މެންބަރުން ތިއްބަވާ، މާލޭ ސިޓީގެ މޭޔަރުކަމުގެ ގޮނޑިއަށް ވާދަކުރެއްވުމަށް މިހާރުވެސް ބައެއް ބޭފުޅުން ވަނީ ޝަޢުގުވެރިކަން ފާޅުކުރައްވާފައެވެ. އޭގެ ތެރޭގައި ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރާއި، ކުރީގެ މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަޙްލޫފާއި، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަޙީދުވެސް ވާދަކުރައްވާނެކަން ވަނީ އިއުލާންކުރައްވާފަ އެވެ.
މާލޭގެ މޭޔަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު އެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވީ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށެވެ.
މީގެ އިތުރުން، މާލޭގެ މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒާއި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނަސީރު އިސްތިއުފާ ދެއްވީ އާ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށެވެ.
އިލްކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ބައި-އިލެކްޝަންގެ ކަންތައްތައް އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދަވާނީ ލޯކަލް ގަވަރމެންޓް އޮތޯރިޓީ، އެލް.ޖީ.އޭއިން އެކޮމިޝަނަށް އެންގެވުން ކަމަށެވެ.
އަދި މާލެ ސިޓީ ކައުންސިލް ބައި-އިލެކްޝަން އަންނަ ޖެނުއަރީ މަހުގެ ކުރީކޮޅު ބޭއްވުމަށް ކޮމިޝަނުން ވިސްނަވާ ކަމަށް ހަބީބް ވިދާޅުވިއެވެ.