ads
ސަޢޫދީ ޢަރަބިއްޔާގެ ޚާއްޞަ މަންދޫބު، މިނިސްޓަރ އޮފް އިކޮނޮމީ އެންޑް ޕްލޭނިންގ، ފައިޞަލް ބިން ފާދިލް އަލްއިބްރާހީމް އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރެއްވުން- ފޮޓޯ: ރައީސް އޮފީސް
ފަލަސްތީނުގައި ސުލްޙަ ގާއިމުކުރުމަށް ސައުދީން ކުރައްވާ މަސައްކަތައް ރައީސްގެ ޝުކުރު
ފަލަސްތީނުގައި ސުލްހަ ގާއިމް ކުރެއްވުމަށް ސައުދީ އަރަބިއްޔާއިން ކުރަމުން އަންނަ މަސައްކަތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފި އެވެ.

ސައުދީ އަރަބިއްޔާގެ ހާއްސަ މަންދޫބު، މިނިސްޓަރު އޮފް އިކޮނޮމީ އެންޑް ޕްލޭނިން، ފައިސަލް ބިން ފާދިލް އަލްއިބްރާހީމް، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތެއްގައި ރައީސް ވަނީ އިއްޔެ ކުރިއަށްދިޔަ ރައީސުލްޖުމްހޫރިއްޔާ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ސައުދީގެ ފަރާތުން ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ބައިވެރިވެ ވަޑައިގެންނެވިކަމަށްޓަކައި މިނިސްޓަރަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި ސައޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަށް ހެޔޮއެދުންތައް ފޮނުއްވައި، ދެ ގައުމުގެ ދެމެދުގައިވާ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ރައީސް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.

ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަގްވާމީ މައިދާނުގައި ކުރެވެމުންދާ މަސައްކަތްތަކުގައި ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ. 

މެދުއިރުމަތީގެ ހަމަޖެހުމަށް އިސްކަންދެއްވައި، ހާއްސަކޮށް ފަލަސްތީނުގައި ސުލްހަ ގާއިމުކުރުމަށް ސައޫދީ އިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ސަޢޫދީ ޢަރަބިއްޔާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ދެގައުމުގެ ގުޅުމުގެ އަގު ވަޒަންކުރައްވާ ކަމަށާއި، މި ސަރުކާރަކީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އަބަދުވެސް މަސައްކަތްކުރާނެ ސަރުކާރެއްކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒާއި ސައޫދީ އިކޮނޮމިކް އެންޑް ޕްލޭނިން މިނިސްޓަރު ވަނީ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ.

 ހާއްސަ ގޮތެއްގައި ވިޔަފާރީގެ ދާއިރާއާއި، އިންވެސްޓްމަންޓް އަދި އިގްތިސާދީ ދާއިރާ ފަދަ އިގްތިސާދު ތަރައްގީކުރެވެން ހުރި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރު ފައިސަލް ބިން ފާދިލް އަލްއިބްރާހީމް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް މަރުހަވާ ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް