ކަޅުތެޔޮ ޖަހާފައިވަނީ ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ސައްހަ ނޫން ފޯމު ހުށަހެޅި ކަމަށް ބުނާ މީހުންގެ ފޮޓޯތަކަށެވެ. މި ފޮޓޯތައް ހަރުކޮށްފައި ވަނީ ހަރުގޭގެ ބޭރުގައެވެ.
މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވެފައިވާ މަންޒަރުތައް ސޯޝަލް މީޑިއާގައި ފެތުރިފައިވެއެވެ. ނަމަވެސް މިހާތަނަށް މި މައްސަލައާ ގުޅޭގޮތުން ފުލުހުންގެ އެއްވެސް ބަހެއް ލިބިފައެއް ނުވެއެވެ.
މި ހާދިސާ ހިނގާފައިވަނީ އެމްޑީޕީން "ފުދިއްޖެ ފުނޑިއްޖެ" ނަމުގައި މި މަހުގެ 31 ވަނަ ދުވަހު މާލޭގައި ހިނގާލުމެއް ބޭއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
ވެރިކަންކުރާ ޕީއެންސީއަށް މެންބަރުން އިތުރުކުރަން އިލެކްޝަން ކޮމިޝަނަށް ފޮނުވާފައިވާ ސައްހަ ނޫން ފޯމު ތަކުގައި ހޯމް މިނިސްޓްރީގެ އިސްވެރިން ސޮއިކޮށްފައިވާތީ އެ މައްސަލާގަައި މިނިސްޓަރު އަލީ އިހްސާނާއި ސުވާލުކުރަން މަޖިލިހަށް އެމްޑީޕީން ވަނީ ހުށަވެސް އަޅާފައެވެ.
މިނިސްޓަރު އިހްސާނާއި ސުވާލުކުރުމަށް ހުށައަޅުއްވާފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމެވެ.
މީކާއިލް ހުށައެޅުއްވި ސުވާލުގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށުން ހިންގަމުންދާ ޑިޕާޓްމެންޓް އޮފް ނޭޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) ގެ ޑޭޓާބޭސް ބޭނުންކޮށްގެން މީހުންގެ ޝަހްސް އޮޅުވާލާ ޕީއެންސީއަށް މެމްބަރުން އިތުރުކުރަން ފޯމް ފުރާފައިވާކަން ހަމަވެފައިވާކަމަށެވެ.
ޕީއެންސީއަށް މެންބަރުން އިތުރުކުރަން އީސީއަށް ފޮނުވާފައިވާ ސައްހަ ނޫން ފޯމު ތަކުގައި ފާހަގަ ކުރެވޭ މިންވަރަކަށް ހޯމް މިނިސްޓްރީގެ އިސްވެރިން ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާކަމަށްވެސް މީކާއިލް ފާހަގަކުރައްވާފައިވެއެވެ.
ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ) އަށް މެމްބަރުން އިތުރުކުރުމަށް ސައްހަ ނޫން ފޯމްތަކެއް ހުށައަޅާފައިވާކަމަށް އެޕާޓިން މިއަދު ވަނީ އެއްބަސްވެފައެވެ. އަދި އެ މައްސަލަ ބަލަމުން އަންނަކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.
ރައްޔިތުން މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) އޭނާއަށް ނޭނގި ވެރިކަން ކުރާ ޕީއެންސީއަށް ވެއްދި މައްސަލައިގައި، އެ ކަމުގައި ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިންވެސް ވަނީ ބުނެފައެވެ. އަދި މި ނޫންވެސް ބައެއް މީހުންނަށް ނޭނގި އޮޅުވާލައިގެން ޕީއެންސީއަށް ވައްދާފައިވާކަމުގެ މައްސަލަތައް ވަނީ ފެންމަތިވެފައެވެ.