ads
ރައީސް މުއިޒުގެ ފުރަތަމަ ކެބިނެޓް ބައްދަލުވުން
ސަރުކާރުގެ އޮނިގަނޑަށް ބަދަލުތައް ގެނެސްފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރު ފެށުމާއެކު ސަރުކާރުގެ އޮނިގަނޑަށް ބަދަލުތައް ގެނެސްފި އެވެ.

ރައީސް ޑރ. މުއިއްޒު މިދިޔަ ހުކުރު ދުވަހު ހުވާކުރެއްވުމަށް ފަހު 22 މިނިސްޓްރީއެއް އުފެއްދެވި އެވެ. އަދި އެ ވުޒާރާ ތަކަށް ވަޒީރުން އައްޔަކުރައްވައި، ސަރުކާރުގެ ބައެއް އޮފީސްތައް ހިންގުމަށް ވެސް ވަނީ ބަދަލުތައް ގެންނަވައިފަ އެވެ.

އެގޮތުން ހޯމް މިނިސްޓްރީގެ ނަން، ހޯމްލޭންޑް ސެކިއުރިޓީ އަދި ޓެކްނޮލޮޖީ އަށް ވަނީ ބަދަލުކޮށްފަ އެވެ. އަދި ކުރިން ޑިފެންސް މިނިސްޓްރީގެ ދަށުގައި އޮތް އިމިގްރޭޝަން ބަދަލުކުރީ އެ މިނިސްޓްރީގެ ދަށަށެވެ. އޭގެ އިތުރުން ކުރިން ހެލްތު މިނިސްޓްރީން ބެލެހެއްޓި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ވެސް މި ފަހަރު ވަނީ ހަވާލުކޮށްފަ އެވެ. ނަމަވެސް، ކަސްޓަމްސް އަދިވެސް އޮތީ ޑިފެންސްގެ ބެލުމުގެ ދަށުގަ އެވެ.

މީގެ ކުރިން ޓެކްނޮލޮޖީއާ ބެހޭ މިނިސްޓްރީގެ ދަށުގައި އޮތް ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އާއި ޕްލޭނިން މިނިސްޓްރީން މިހާތަނަށް ހިންގި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން ވަނީ ހޯމްލޭންޑު ސެކިއުރިޓީގެ މެންޑޭޑަށް ބަދަލުކޮށްފައެވެ.

ފޮރިން މިނިސްޓްރީން ހިންގާ ތަންތަނަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. އެ މިނިސްްޓްރީގެ ދަށުގައި ވަނީ ކުރިން ވެސް އެ މިނިސްޓްރީގެ ދަށުގައި އޮތް 17 އެމްބަސީއާ ކޮންސިއުލޭޓު ތަކެވެ.

ނޭޝަނަލް ޕޭ ކޮމިޝަނާއި ޕްރައިވެޓައިޒޭޝަން ބޯޑުގެ ހިންގުން އޮތިީ ކުރިއެކޭ ވެސް އެއްގޮތަށް ފިނޭންސް މިނިސްޓްރީއަށެވެ. 

މީގެ ކުރިންވެސް އެޑިއުކޭޝަން މިނިސްޓްރީން ހިންގާ ޑީޕީއީ، އެންއައިއީ، ކޮލިޓީ އެޝުއަރެންސާއި ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަން އަދި ސަރުކާރުގެ ސްކޫލުތަކުގެ ހިންގުން ދެން ވެސް އޮންނާނީ ހަމަ އެ މިނިސްޓްރީގެ ދަށުގައި ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ބުންޏެވެ.

އަދި ކުރީގެ ސަރުކާރުގައި ވަކި ބޯޑެއްގެ ދަށުން ހިންގި ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލް އަދި ޓާޝަރީ ހޮސްޕިޓަލްތައް މި ފަހަރު ވަނީ ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ. 

ޖެންޑާ މިނިސްޓްރީގެ ނަން ސޯޝަލް އަދި ފެމިލީ ޑިވެލޮޕްމަންޓަށް ބަދަލުކޮށް، މީގެ ކުރިން އެ މިނިސްޓްރީން ހިންގި ހުރިހާ ތަނެއް ވެސް ވަނީ ބަދަލުކޮށްފަ އެވެ. 

މީގެ ކުރިން ޖޮބް ސެންޓަރާއި ލޭބަ ރިލޭޝަން އޮތޯރިޓީ ހިންގީ އިކޮމޮނިކް މިނިސްޓްރީން ނަމަވެސް، ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ނަން، ހަޔަ އެޑިއުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ނަމަށް ބަދަލުކޮށް، ލޭބަ ރިލޭޝަނާއި ޖޮބް ސެންޓަރު ވަނީ އެ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ. އިކޮމޮނިކް މިނިސްޓްރީ އަށް މި ފަހަރު ދީފައިވަނީ އިންވެސްޓް މޯލްޑިވްސް އެކަންޏެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އާއި ލޭބަ ރިލޭޝަންސް އޮތޯރިޓީ އާއި ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އަދި މޯލްޑިވްސް ޕޮލިޓެކްނިކް ވަނީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފަ އެވެ.

ފިޝަރީޒް އަދި އޯޝަން ރިސޯސްގެ މިނިސްޓްރީ އަށް، މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓެވެ. އަދި އިސްލާމިކް މިނިސްޓްރީ އަށް ގުރުއާނާ ބެހޭ މަރުކަޒާއި ފަތުވާ މަޖިލީހެވެ.

ސްޕޯޓްސް، ފިޓްނެސް އަދި ރެކްރިއޭޝަންގެ ދަށުގައި މިހާރު އޮތީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އެކަންޏެވެ.

ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އަދި އެނާޖީ މިނިސްޓްރީގެ ދަށުގައި އީޕީއޭ އޮތްއިރު، ޔުޓިލިޓީ ރެގިއުލޭޓްރީ އޮތޯރިޓީން މެޓް އޮފީސް އަދި ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް އޮފީސް ހިންގާނެ އެވެ.

ޓްރާންސްޕޯޓާއި ސިވިލް އޭވިއޭޝަންގެ ދަށުގައި އެއްވެސް އެހެން އިދާރާއެއް ނެތެވެ. އަދި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީގެ ދަށުން ހިންގާނީ ނޭޝަނަލް ސެންޓާ ފޯ ކަލްޗަރަލް ހެރިޓޭޖާއި ދިވެހި ބަހުގެ އެކަޑެމީ އެވެ.

އަލަށް އުފެއްދި ދެ މިނިސްޓްރީ ކަމަށްވާ ކޮންސްޓްރަކްޝަން އަދި އިންފްރަސްޓްރަކްޗާގެ އިތުރުން އެގްރިކަލްޗާ އަދި އެނިމަލް ވެލްފެއާގެ މެންޑޭޑުގެ ދަށުގައި އެއްވެސް ތަނެއް އަދި ނެތެވެ.

ޔޫތު އަދި ސްޕޯޓްސް މިނިސްޓްރީ ދެބައި ކުރުމަށް ފަހު އުފެއްދި ޔޫތު، އެމްޕަވަމެންޓް، އިންފޮމޭޝަން އަދި އާޓްސް މިނިސްޓްރީގައި އޮތީ ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނާއި ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އާއި ގައުމީ ކުތުބުހާނާ އަދި ގައުމީ އަރުޝީފެވެ.

ރައީސް މުއިއްޒުގެ ކެބިނެޓުގައި ޖުމްލަ 22 ބޭފުޅަކު ހިމެނިވަޑައިގަންނަވަ އެވެ. އެއީ:

1. މިނިސްޓްރީ އޮފް ޑިފެންސް - ދިފާއީ ވުޒާރާ

2. މިނިސްޓްރީ އޮފް ފޮރިން އެފެއާޒް - ހާރިޖީ ވުޒާރާ

3. މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ - ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ

4. މިނިސްޓްރީ އޮފް ފިނޭންސް - މާލީ ވުޒާރާ

5. މިނިސްޓްރީ އޮފް އެޑިޔުކޭޝަން - ތައުލީމީ ވުޒާރާ

6. މިނިސްޓްރީ އޮފް ހެލްތް - ސިއްހީ ވުޒާރާ

7. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް - އިގްތިސޯދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ

8. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް - މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

9. އެޓާނީ ޖެނެރަލްގެ އޮފީސް - ބަންޑާރަ ނައިބުގެ އޮފީސް

10. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް - އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ

11. މިނިސްޓްރީ އޮފް ޓޫރިޒަމް - ފަތުރުވެރިކަމާ ބެހޭ ވުޒާރާ

12. މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް - އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ

13. މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން - ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

14. މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ - މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ

15. މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް- ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ

16. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން - ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ

17. މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް - ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ

18. މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ

19. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ- އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ

20. މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ - ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ

21. މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް - ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާ

22. މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް - ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް