މިސްރުގެ ސަފީރު މާގެދް މުސްލިހް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް މުހައްމަދު އަސްލަމް މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީސް ކުރާ ގޭގައި ބައްދަލު ކުރައްވާ މިހާރު އިސްރާއީލުން ފަލަސްތީނުގެ މުސްލިމުންނަށް ދެމުންގެންދަވާ ހަމަލާ އާއި ގުޅޭގޮތުން މަސްވަރާ ކުރައްވާފައިވެ އެވެ.
މިބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ މިސްރުން ދިވެހި ރާއްޖޭގެ ތަރައްގީ އަށާއި ދިވެހި ރާއްޖޭގެ ތައުލީމީ ދާއިރާއަށް ވެދެއްވާ އެހީތެރިކަމަށް މިސްރުގެ ސަރުކާރަށާއި ރައްޔިތުންނަށް ސުކުރު އަދާކުރެއްވި އެވެ.
އަދި މިބައްދަލުވުމުގައި ދިވެހި ރާއްޖެ އާއި މިސްރާ ދެމެދު އޮންނަ ތާރިހީ އަދި ދީނީ ގުޅުމާއި މިސްރާއި ދިވެހި ރާއްޖޭގެ ސިޔާސީ ގުޅުން ގާއިމު ކުރެއްވުނުތާ 55 އަހަރު ފުރުން ކުލަ ގަދަކޮށް ފާހަގަ ކުރުމާ ގުޅޭގޮތުންވެސް މަސްވަރާ ކުރެވުނެވެ.
ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި މިސްރުގެ ގާނޫނު ހަދާ މަޖިލީހާއި ދެމެދު މިހާރު އޮންނަ ގުޅުން ވަރުގަދަ ކުއްވާނެ ކަމަށް، ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީސްގެ ރައީސް އާއި ބައްދަލު ކުރެއްވުމުގައި މިސްރުގެ ސަފީރު ވިދާޅުވި އެވެ.