ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓާ ބެހޭގޮތުން އެމްއެމްއޭއިން ދިން ލަފާގެ ޕްރެޒެންޓޭޝަންގައި އެ އޮތޯރިޓީގެ ސީނިއާ ރިސާޗު އެނަލިސްޓް މުހައްމަދު އިމްތިނާން ވިދާޅުވެފައި ވަނީ ދައުލަތުގެ ހަރަދުތައް ހަމަޖައްސަން ބޭރުގެ ފަރާތްތަކުންނާއި ޑޮމެސްޓިކް މާކެޓުން ފައިނޭންސް ހޯދުމަށް މިވަގުތު ދަތިވެފައިވާ ކަމަށެވެ.
ކުރިއަށް އޮތް އަހަރުގެ ބަޖެޓު ފޮތުގައިވާ ގޮތުން އަންނަ ޑިސެމްބަރު މަހުން ފެށިގެން ޕަބްލިކް ބޭންކް އެކައުންޓުން އޯވަ ޑްރޯ ނުކުރުމަށް ނިންމާފައިވެ އެވެ.
މީގެ އިތުރުން އިމްތިނާން ވިދާޅުވީ އަލުން އޯވަ ޑްރޯ ކުރާނަމަ އިގުތިސޯދުގައި ދައުރުވާ ފައިސާ އިތުރުވެ ބޭރު ފައިސާ އަށް އޮންނަ ޑިމާންޑް އެތައް ގޮތަކުން އިތުރުވާނެ ކަމަށެވެ.
ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް އެމްއެމްއޭއިން ދަރަނި ނެގުމަކީ ދެމެހެއްޓެނިވި ކަމެއް ނޫން ކަމައްވެސް އެބޭފުޅުން ވަނީ ވިދާޅުވެފައެވެ. އަދި ހަމައެހެންމެ އެއީ ބޭރުގެ މާލީ އިދާރާތަކުން ވެސް ލަފާދޭ ކަމެއް ނޫން ކަމަށް ވަނީ ވިދާޅުވެފަ އެވެ.
އެމްއެމްއޭ އިން ބުނީ މި އަހަރަށް ފައިނޭންސިންގެ ގޮތުގައި އަންދާޒާ ކޮށްފައިވާ އަދަދުން 200 މިލިއަން ޑޮލަރު ނޮވެންބަރު މަހާއި ޑިސެމްބަރު މަހުގެ ތެރޭގައި ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ބޭރުގެ ފަރާތްތަކުން ލިބޭ ފައިސާގެ ގޮތުގައި 550 މިލިއަން ޑޮލަރު ރަސްމީ ރިޒާވް ގައި ހިމަނާފައިވެ އެވެ. އަދި މި އަދަދުން ބައެއް 2024 ވަނަ އަހަރު ކުރީކޮޅު ރިޒާވަށް ލިބުމަކީ މުހިންމު ކަމެއްކަމަށް މަރުކަޒީ ބޭންކުން ބުނެފައި ވެ އެވެ.
އެމްއެމްއޭ އިން ވަނީ އަންނަ އަހަރަށް ލަފާކުރާ އާމްދަނީ އިން 1.3 ބިލިއަން ރުފިޔާގެ ހިލޭ އެހީ ލިބުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް ބުނެފަ އެވެ. އަދި އަންނަ އަހަރުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށް ހުށަހަޅާފައިވާ ސިޔާސަތުތައް އަވަސް މުއްދަތެއްގެ ތެރޭގައި ތަންފީޒުކުރުމަށް އެދިފައިވެ އެވެ.