
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގެ އިތުރުން ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ބޭފުޅުން އައްޔަންކުރައްވައި އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ވަނީ ދެއްވާފަ އެވެ. އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އައްޔަނު ކުރައްވާފައިވަނީ ގ. އަތަ، ޔޫސުފް މާނިއު މުހައްމަދެވެ. ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް މާނިއު އައްޔަނުކުރެއްވި ކަމުގެ ލިޔުން ހަވާލުކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޒު މަހާޒު އަލީ ޒާހިރުގެ ކުރިފުޅުމަތީގައި، ކަސްޓަމްސް އޮފިސަރުންގެ ހުވާ އޭނާ ކުރެއްވި އެވެ. މި މަގާމަށް މާނިއު އައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގަ އެވެ.
މީގެ އިތުރުން ޑރ. މުއިއްޒު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމަށް، ޅ. ހިންނަވަރު ބޮޑުފެންޑާގެ އަބްދުﷲ ނާޒިމް އިބްރާހިމް މިނިސްޓަރު ފެންވަރުގައި އައްޔަނު ކުރައްވާފަ އެވެ.
ރައީސް ޑރ. މުއިއްޒު ވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި އިތުރު ހަތަރު ބޭފުޅަކު އައްޔަނުކުރައްވާފަ އެވެ. އެބޭފުޅުންނަކީ:
- މިނިސްޓަ އޮފް ސްޓޭޓް ފޮ ފޮރިން އެފެއާޒް - މުހައްމަދު ފަހުމީ ހަސަން
- މިނިސްޓަ އޮފް ސްޓޭޓް ފޮ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން - އިބްރާހިމް އާމިރު
- ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގޭގެ ސްޓޭޓް މިނިސްޓަރު - އަލްއުސްތާޒާ ފާތިމަތު ޝަމްނާޒް އަލީ ސަލީމް
- ކޮމިޝަނަ އޮފް ޕްރިޒަންސް - ހަސަން ޒަރީރު