ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކަށް ދިވެހި ރައްޔިތުކަން ދިނުމަށްޓަކައި މަދަނީ މިންގަނޑުން އެ ކުއްޖާގެ ބައްޕަ ސާބިތު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. އެއީ އިންޑޮނޭޝިއާގެ އަންހެނަކު ރާއްޖޭގައި ވިހެއުމަށްފަހު ދޫކޮށްލާފައިވާ ދިޔަ ކުއްޖެއްގެ ބައްޕައަކީ ދިވެއްސެއް ކަމަށް ބެލެވުނަސް، އެއީ ދަރި ލައްވާ މުއްދަތުގެ ބޭރުން ވިހާފައިވާ ކުއްޖަކަށް ވާތީ ޝަރުއީ ގޮތުން އެ ކުއްޖާގެ ބައްޕަ ސާބިތެއް ނުކުރުވުނ މައްސަލައެވެ.
ގާނޫނު އަސާސީ އޮންނަ ގޮތުން ދިވެހި ރައްޔިތުކަން ދެވެނީ ދިވެހި މަންމައަކަށް ނުވަތަ ބައްޕައަކަށް އުފަން ދަރިންނަށް ކަމަށް ވާތީ ދައުލަތުން ފެމިލީ ކޯޓަށް ހުށަހެޅީ އެ ކުއްޖާގެ ބައްޕައަކީ ދިވެހި ފިރިހެން މީހާކަން މަދަނީ މިންގަނޑުން ސާބިތު ކުރުމަށެވެ. ފެމިލީ ކޯޓާއި ހައި ކޯޓުން ވެސް އެ މައްސަލައިގައި ނިންމާފައި ވަނީ މަދަނީ މިންގަނޑުން ބައްޕަ ސާބިތު ނުކުރެވޭނެ ކަމަށެވެ.
އެ ނިންމުން އިސްތިއުނާފްކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅީ އިއްޔެ އެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.