ބީއެމްއެލް އާ ދެކޮޅަށް ރައީސް ޔާމީން، މައްސަލައެއް ސިވިލް ކޯޓަށް ހުށަހެޅުއްވީ، މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު އެވެ. އަދި އެ މައްސަލަ އަނބުރާ ގެންދަވަން އެ މަނިކުފާނު ކޯޓުގައި އެދިވަޑައިގަތީ މައްސަލަ ހުށަހެޅުއްވިތާ އެންމެ ތިން ދުވަސް ފަހުން، މިދިޔަ ބުދަ ދުވަހު އެވެ. އެ މައްސަލަ ރައީސް ޔާމީން އަނބުރާ ގެންދެވީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ. އެހެންނަމަވެސް ރައީސް ޔާމީން އެދިވަޑައިގެންނެވި އެދިވަޑައިގަތުމާ އެއް ގޮތަށް މައްސަލައިގެ ދައުވާ ފޯމް، ސިވިލް ކޯޓުން މިއަދު ވަނީ ބާތިލުކޮށްފަ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ކަމަށް ބެލެވިގެން ރައީސް ޔާމީންގެ މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރު ހަވާލުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދުމުން ޔާމީން ވަނީ އެމަނިކުފާނާއި އޭސީސީ ހިއްސާވާ ގޮތަށް އެސްކްރޯ އެކައުންޓެއް ހުޅުވައި 2018 ގައި އެ ފައިސާ ހަވާލުކުރުމަށް އެއްބަސްވެވަޑައިގެންފަ އެވެ. ރައީސް ޔާމިން ވިދާޅުވީ އޭސީސީ އާއެކު ހެދި އެގްރީމެންޓްގައި ބުނާގޮތުން އެއް އަހަރު ދުވަހުގެ ތެރޭގައި އޭސީސީއަށް އެއީ ދައުލަތުގެ ފައިސާ ކަމަށް ނުނިމިއްޖެ ކަމަށްވާނަމަ އެ ފައިސާ އޮޓަމެޓިކަލީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވާން ޖެހޭނެ ކަމަށް އެ މަނިކުފާނު ވަނީ ކުރިން ވިދާޅުވެފައިވާ ކަމަށެވެ. ރައީސް ޔާމީން އަނބުރާ މި ގެންދެވި ދައުވާއަކީ އެ ފައިސާ ބޭންކުން ދޫނުކޮށްގެން ދައުވާ ކުރި މައްސަލަ އެވެ.
ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާކޮށްފަ އެވެ. އެހެންނަމަވެސް، ސްޕްރީމް ކޯޓުން ފަހުން ވަނީ އެ ހުކުމް ބާތިލުކޮށްފަ އެވެ. ރައީސް ޔާމިންގެ މައްޗަށް ކުރި ހުކުމް ބާތިލުކޮށް ސްޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އެ ފައިސާއަކީ ޔާމިންގެ އެކައުންޓަށް ކޮން ގޮތަކުން ޖަމާވެފައިވާ ފައިސާއެއްކަން ކަށަވަރު ނުވާ ކަމަށެވެ. އެހެންނަމަވެސް އެ ފައިސާއަކީ އެސްއޯއެފުން ޖަމާވި ފައިސާކަން ސުޕްރީމް ކޯޓުގެ ހުކުމުގައިވެއެވެ. އަދި އެ އެއް މިލިއަން އެމެރިކާ ޑޮލަރުގެ ހަގީގަތް ބެލުމުގެ ފުރުސަތު ދައުލަތަށް އޮތް ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.