އޮޑިޓު އޮފީހުން ބަޖެޓު ކޮމިޓީއަށް ހުށަހެޅި ލަފާގައި ވާގޮތުން އަންނަ އަހަރުގެ ބަޖެޓަށް 17.2 ބިލިއަން ރުފިޔާ ހޯދަން ޖެހެ އެވެ. ސަބްސިޑީ ރިޕޯމު ކުރުމާއި ހަރަދު ކުޑަ ކުރުމަށް އަޅާ ފިޔަވަޅުތައް ތަންފީޒު ނުކޮށްފި ނަމަ އެ އަދަދަށް 1.8 ބިލިއަން ރުފިޔާ އިތުރުވުމުގެ ފުރުސަތު އެބައޮތެވެ.
އޮޑިޓު އޮފީހުގެ ޑިރެކްޓަރު މުހައްމަދު ޝާން ވިދާޅުވީ ބަޖެޓު ސަޕޯޓު ލޯނުގެ ގޮތުގައި ބޮޑު އަދަދެއް ހޯދަން ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެއީ ބޭރުގެ މާކެޓަށް ގޮސް ހޯދަން އެހާ ފަސޭހަ އަދަދަކަށް ނުވެދާނެކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން އެހާލަތުގައި ފޮރިން ރިޒާވަށް ކުރާ އަސަރު ދެނެގަނެ އެ ހާލަތްތަކުގައި އަމަލު ކުރާނެ ގޮތްތައް ދެނެގަތުން ވަރަށް މުހިންމު ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އޮޑިޓު އޮފީހުން ވަނީ ދައުލަތުން އާސަންދަ އާއި ޕެންޝަނަށް ކުރާ ހަރަދު އަހަރަކަށް ވުރެ އަހަރެއް ބޮޑުވަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އެ އޮފީހުން ވަނީ ދައުލަތުގެ ހަރަދު ކުޑަ ކުރުމުގެ އިތުރުން އާމްދަނީ އިތުރު ކުރުމަށްވެސް ރިއަލިސްޓިކް ކަންކަން ހުށަހެޅުމަށް އެދިފަ އެވެ. އެގޮތުން ދުރާލާ އެ ކަންކަން ރާވާ ތަންފީޒު ކުރެވޭނެ ފަދަ ކަންކަން ހިމެނުމަށް އޮޑިޓު އޮފީހުން ވަނީ ލަފާ ދީފަ އެވެ.