
އިސްލާމިކް ސެންޓަރު އައިޔޫއެމްއާ ހަވާލު ކުރައްވަމުން އިސްލާމިކް މިނިސްޓާ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އިސްލާމީ ޔުނިވާސިޓީގެ މަރުކަޒެއް ތިނަދޫގައި ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ހަމައެހެންމެ ރާއްޖޭގެ ކޮންމެ ރަށެއްގައި އައިޔޫއެމްގެ މަރުކަޒެއް ހުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށާއި ސަބަބަކީ އައިޔޫއެމްގައި ހުރި ކޯސްތަކާއި މަންހަޖުތަކާ ރިސާލަތުތަކަކީ ވަރަށް ތަފާތު ރިސާލަތުތަކަކަށް ވާތީ ކަމަށެވެ.
މީގެއިތުރުން އެއީ ދިވެހިރާއްޖޭގެ އިސްލާމީ ނޫރު ދަމަހައްޓާ އިސްލާމީ ހިދާޔަތު ފަތުރާ އެންމެ މަތީ މުއައްސަސާއަކީ މި މުއައްސަސާ ކަމަށް ވާތީ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. ޑރ. ޝަހީމް އިތުރަށް ވިދާޅުވީ މި ކަންކަން ރަގަނޅު ގޮތުގައި ކުރިއަށް ގެންދެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އިސްލާމިކް ޔުނިވާސިޓީގެ މެނޭޖްމެންޓަށް އޮތް ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ ހުވަފެނަކީ އިންޓަނޭޝަނަލް ސްޓޫޑެންޓުން ކިޔަވާދޭ ތަނަކަށް އެތަން ވުން ކަމަށެވެ. އަދި އައިޔޫއެމަށް ރަގަނޅު ގޮތް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވީ އައިޔޫއެމް އާ ގުޅުން ބަދަހި ބޭފުޅުންކަން ވެސް ފާހަގަ ކުރައްވާފައިވެ އެވެ.
ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށް ބޭނުންވާ އެހީތެރިކަން އެއްބަސްވުމެއްގެ ދަށުން ފޯރުކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން ތައްޔާރަށް ތިބި ކަމަށް ވެސް ޑރ. ޝަހީމް ވަނީ ފާހަކުރައްވާފަ އެވެ.
މީގެ އިތުރުން ޑރ. ޝަހީމް ވަނީ ތިނަދޫ ކެންޕަސް ފެއްޓެވުމުން ރަގަނޅު ގޮތުގައި އެތަން އޮޕަރޭޓް ކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ. އެގޮތުން މި ފެށޭ ސެމިސްޓާއަށް ކޯސްތައް ފެއްޓުމުގެ މަސަތްކަތް ކުރުމަށް ވަނީ އެދިލައްވާފަ އެވެ.