
ރޯދައިގެ ކުރިން އިންތިހާބު ބާއްވައި ދިނުމަށް އީސީން މަޖިލިހުގައި އެދުނީ، އިންތިހާބު ރޯދަ މަހުގެ ފަހު 10 އަށް ދިމާވާތީ ރޯދައިގެ ކުރިން އިންތިހާބު ބޭއްވޭނެ ގޮތަށް ގާނޫނަށް އިސްލާހެއް ގެނެސްގެން އެކަން ހަމަ ޖެއްސުމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް، މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން ވިދާޅުވީ 19 ވަނަ މަޖިލިހުގެ މެންބަރުންގެ ދައުރު 28 މެއި، 2024 އަށް ހަމަވާއިރު ގާނޫނު ބުނާ ގޮތުން އޭގެ 120 ދުވަސް ކުރިން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށަން ޖެހޭ ކަމަށެވެ. ގާނޫނުގައި ބުނާ ތާރީހުތައް ތަރުތީބު ކޮށްލުމުން އިންތިހާބު ބޭއްވެނީ މާޗު 19 ގައި ކަމަށާއި ނަމަވެސް އެއީ ސްކޫލްތަކުގައި މޮކް އެގްޒާމް ކުރިއަށްދާ ދުވަސްކޮޅެއް ކަމަށް ހަބީބް ވިދާޅުވި އެވެ.
ވޯޓުލާ މަރުކަޒުގެ ގޮތުގައި އީސީން ބޭނުން ކުރަމުން އަންނަނީ ސްކޫލްތަކުގެ ހޯލްތަކެވެ. އެހެންވެ އިމްތިހާނުގެ ދުވަސްވަރާ ދިމާވާތީ އިންތިހާބު އޭގެ ފަހަށް ބާއްވަން ޖެހޭ ކަމަށް ހަބީބް ވިދާޅުވި އެވެ.
އެހެންވެ އެންމެ އަވަހަށްވެސް އިންތިހާބު ބޭއްވެނީ މާޗު 30 ގައި ކަމަށާއި އެއީ ރޯދަ މަހުގެ 20 ވަނަ ދުވަސް ކަމަށް ހަބީބް ވިދާޅުވި އެވެ.