އެހެންނަމަވެސް ވެރިކަން ލިބުމާއެކު މަންޒަރު ބަދަލުވެއްޖެއެވެ. އިންތިހާބުން ޑރ. މުހައްމަދު މުއިއްޒު މޮޅުވުމަށް ފަހު، ހައިކޯޓުގައި އޮތް އަޑު އެހުންތަކުގައި ބައިވެރިވެވަޑައިގެންނެވި ޕީޕީއެމް އަދި ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުންގެ އަދަދު ދުވަހެއް ދުވަހަކަށް ދިޔައީ މަދުވަމުންނެވެ.
ޑރ. މުއިއްޒު ވެރިކަމުގެ ހުވައި ކުރުމުގެ ކުރިން އެންމެ ފަހުން އޮތް އަޑު އެހުމަށް ވަޑައިގެންނެވި ޕާޓީގެ އިސް ސަފުގެ ހަމައެކަނި ބޭފުޅަކީ، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމުއެވެ. އެކަމަކު، ވެރިކަމާ ހަވާލުވުމަށް ފަހު ހައިކޯޓުގައި އޮތް އަޑު އެހުމަށް، މިހާރު ފިޝަރީޒް މިނިސްޓަރު ކަމުގައި ހުންނެވި ޝިޔާމްވެސް ވަޑައިނުގެންނެވިއެވެ. ލީޑަޝިޕްގެ ހަމަ އެއްވެސް ބޭފުޅަކު، މިއަދު ޔާމީންގެ ޝަރީއަތް އަޑު އަހާކަށް ކޯޓަކަށް ވަޑައިނުގަންނަވައެވެ.
އޭގެ ބަދަލުގައި މިއަދު ކޯޓުން ފެނުނީ މުޅިން އެހެން މޫނުތަކެކެވެ. ކޮންމެ ދުވަހަކުހެން ކޯޓަށް ދާ އެކްޓިވިސްޓުންގެ އިތުރުން ދެން ފެނުނީ، ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދު އަދި ކުރީގެ ވަޒީރު މަލީހް ޖަމީލްއެވެ. ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕުން ޔާމީން މަތިން ހަނދާން ނައްތައިލީ، ވެރިކަމާ ހަވާލުވިތާ ހަފްތާއެއް ނުވަނީހެނެވެ.
އަނެއްކޮޅުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރައީސްކަން ކުރައްވާ ޕީޕީއެމްގެ ހިންގުން ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި ކުރީގެ ކަސްޓަމްސް ކޮމިޝަނަރު އައްބާސް އާދިލް ރިޒާއާ ހަވާލުކޮށްފި ކަމަށް މީޑިއާގައި މިހާރުވަނީ އަޑު ފެތުރިފައެވެ. ޕީޕީއެމްގެ ސެކެއްޓްރީ ޖެނެރަލް، މުހައްމަދު ތޮލާލަށް މިއަދު ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމު ދެއްވިއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި އެސްޖީގެ މަގާމުން ތޮލާލް ވަކިކުރައްވަން ޔާމީން ބޭނުންފުޅުވެއެވެ.
ރައީސް ޔާމީންއާ، އާ ރައީސް ޑރ. މުއިއްޒުގެ ގުޅުން ރަނގަޅު ނޫން ކަމަށްވަނީ އަޑު އިވިފައެވެ. ދެ ބޭފުޅުންކުރެ ބޭފުޅަކު މިވާހަކަ ނުދެއްކެވިޔަސް، ވެރިކަން ކުރާ ޕާޓީ، ޕީއެންސީން ވަނީ ކާނިވާ ސަރަހައްދުގައި އާ އޮފީހެއް ހަދައި އެ ޕާޓީ އަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަން ކުރައްވާ ޕީއެންސީ އަށް މެންބަރުން އިތުރު ކުރުމަށް ޕީޕީއެމް އިން މެންބަރުން ގެންދާތީ މީގެކުރިން ޔާމީން ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.