ads
ބިއޯންޑުގެ ފްލައިޓެއް: ބިއޯންޑުން ވަނީ ރިޔާދް، މިއުނިކް އަދި ޒިޔުރިކަށް ދަތުރުތައް ފަށާފައި - ފޮޓޯ:ވީއައިއޭ
ބިއޯންޑުން ރިޔާދް، މިއުނިކް އަދި ޒިޔުރިކަށް ދަތުރުތައް ފަށައިފި
ދުނިޔޭގެ ފުރަތަމަ ޕްރިމިއަމް ލެއިޝާ އެއާލައިން ކަމަށްވާ ބިއޯންޑުން ރާއްޖެ އާ ސައުދީގެ ރިޔާދް، ޖަރުމަނުގެ މިއުނިކް އަދި ސްވިޓްޒަލޭންޑްގެ ޒިޔުރިކަށް ދަތުރުތައް ފަށައިފި އެވެ.

ބިއޯންޑުން ބުނެފައިވަނީ އެ ތިން މަންޒިލަށް އެންމެ ފުރަތަމަ ކުރި ދަތުރުގައި ޕްރައިވެޓް އަދި ލަގްޒަރީ ފެންވަރުގެ ދަތުރެއް ތަޖުރިބާ ކުރުމުގެ ފުރުސަތު ހޯދައިދެވިފައި ވާނެ ކަމަށެވެ. ބިއޯންޑުގެ ސީއީއޯ އަދި ޗެއާމަން ޓެރޯ ޓާސްކިލާ ވިދާޅުވެފައި ވަނީ ރިޔާދު، މިއުނިކް އަދި ޒިޔުރިކުން ރާއްޖެއަށް ފުރަތަމަ ކުރި ދަތުރުތަކަކީ ޕްރީމިއަމް ލަގްޒަރީ ޓްރެވަލްގެ އެންމެ މަތީ ފެންވަރުގެ ދަތުރުތައް ފޯރުކޮށްދިނުމަށް އެ އެއާލައިނުން ކުރާ ވައުދުގެ މިސާލެއް ކަމަށެވެ. ހަފުތާއަކު ދެ ދުވަހު މި ތިން މަންޒިލަށް ބިއޯންޑުން ދަތުރުތައް ކުރާނެ އެވެ.

ބިއޯންޑުން ވަނީ އަންނަ އަހަރު ރާއްޖޭން އިތުރު ހަ މަންޒިލަކަށް ދަތުރުތައް ފެށުމަށް ނިންމާފަ އެވެ. އެ މަންޒިލްތަކުގެ ތެރޭގައި އިޓަލީގެ މިލާނާއި ތައިލެންޑުގެ ބެންކޮކާއި ޗައިނާގެ ބެއިޖިން އަދި ޝެންހާއިގެ އިތުރުން ދުބާއީ ހިމެނެ އެވެ.

ޕަސެންޖަރުންނަށް ދަތުރުގައި އެންމެ ފުރިހަމަ، ފެންވަރު ރަނގަޅު ހިދުމަތް ފޯރުކޮށްދިނުމަށް ބިއޯންޑުން ބޭނުންކުރާ ބޯޓުތަކުގައި ޖާގަ އިތުރު ކުރުމުގެ ގޮތުން ސީޓުތައް ހުންނާނީ މަދުކޮށްފަ އެވެ. ބިއޯންޑުގެ ދަތުރުތަކުގައި ބޭނުން ކުރަމުން އަންނަނީ އެއާބަސް އޭ319، އޭ320 އަދި އޭ321 ގެ ބޯޓުތަކެވެ.

"އޯލް ބިޒްނަސް ކްލާސް" ގެ ސީޓުތައް ހުންނަ މި ބޯޓުތަކުގައި 44-68 ސީޓު ހުންނައިރު، މި ސީޓުތަކަކީ އިޓަލީގެ އޮޕްޓިމާސް ކުންފުނިން ފަރުމާކޮށްފައިވާ މަތީ ފެންވަރުގެ ސީޓުތަކެކެވެ.

މި އެއާލައިނަކީ އެންމެ މަތީ ފެންވަރުގެ ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަގުސަދުގައި ދުނިޔޭގައި ފެށި އެންމެ ފުރަތަމަ ލެއިޝާ އެއާލައިނެވެ. އަދި މީ ލަގްޒަރީ ޓޫރިޒަމް މާކެޓަށް އަމާޒުކޮށްގެން ފަށާފައިވާ އެއާލައިނެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް